މަޖިލިސް އިންތިޚާބުގެ ނަތީޖާއަކީ ހަގީގީ ނަތީޖާއެއް ނޫން: ޕީޕީއެމް
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަކީ ހަގީީގީ ނަތީޖާއެއް ނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ޕީޕީއެމްއާއި ހަވާލާދީ މިހެން ބުނެފައިވަނީ ލަންޑަން ޕޯސްޓް ކިޔާ ނޫހަކުންނެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި އެޕާޓީން ބުނެފައިވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ކުރި ހޯދާފައިވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން ކަމަށެވެ. އަދި އިންތިޚާބުން މޮޅުވެ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ގާނޫނާއި ޚިލާފަށް އެޕާޓީގެ އެކައުންޓްތައްވެސް ފްރީޒްކޮށްފައިކަމަށް މި ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.
ޕީޕީއެމްއިން ވަނީ މި ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށް ނުރަނގަޅު ނުފޫޒު ފޯރުވައިގެން ރައްޔިތުންގެ އިންތިޚާބަށް ނޭދެވޭ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށްފައެވެ. މި ބަޔާނުގައި ޕީޕީއެމްއިން ވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކުގެ ހެކި ދެއްކުމަށްވެސް މިމަހުގެ 14ވަނަ ދުވަހު ނެރުނު މި ބަޔާނުގައި ސަރުކާރުގެ ކިބައިން އެދިފައެވެ.
މި ބަޔާން ނިންމާލަމުން އެޕާޓީން ވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން އެދޭ ހަގީގީ ގޮތް ހާމަކޮށްނުދޭ ނަތީޖާއެއްގެ ގޮތުގައި ސިފަކޮށްދީފައެވެ.
އަދި އިދިކޮޅު ލީޑަރ ޖަލަށްލައި، ޕާޓީ ބަލިކަށިކޮށްލައިގެން ނެރޭ ނަތީޖާއަކީ ހަމައެކަނި ވެރިކަންކުރާ ފަރާތް ރުއްސުމަށްޓަކައި ނިކުންނަ ނަތީޖާއެއްކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists