Advertisement

ރޮޒޭ ވެސް މަޖިލީހުގެ ރައީސްކަން ބޭނުންފުޅުވޭ!

17 Apr 2019 | 12:56

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ އެ ދާއިރާގެ ރޮޒައިނާ އާދަމް (ރޮޒޭ) ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.

މިހާރު ވެސް މީދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ރޮޒެއިނާ މިހެން ވިދާޅުވީ، ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަަކަ ދައްކަވަމުންނެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި މިވަގުތަކީ އަންހެން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން ވަރަށް ރަނގަޅު ވަގުތެއް ކަމަށާއި އެ މަޤާމަށް ކުރިމަތިލައްވަން ޝައުގުވެރިކަން ހުންނެވި ކަމަށެވެ.

އަދި މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންފިނަމަ ކުރައްވާނެ ކަންތައް ވެސް ރޮޒެއިނާ ވަނީ ހާމަކުރައްވާފައެވެ. އޭގޮތުން މައިނޯރިޓީއަށް ވެސް އެކަށީގެންވާ ފުރުސަތުތައް މަޖިލީހުގެ ތެރެއިން ހަމަޖައްސަވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ މަޖިލީހުގެ ރައީސްކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އިރު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވި އައްޑޫއަށް ނިސްބަތްވާ މެންބަރުންގެ އަދަދު 3 އަށް އެރީއެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

އެބޭފުޅުންގެ އިތުރުން ވިލިފުށި ދާއިރާއަށް އިންތިހާބުވެފައިވާ ހުސެއިން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ކާށިދޫ ދާއިރާއަށް އިންތިހާބުވެފައިވާ އަބްދުﷲ ޖާބިރު ވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ޝައުޤުވެރިކަން ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް