Advertisement

މެގަ މޯލްޑިވްސްގެ ފަރާތުން އަމިއްލަ ފަރާތަކަށް ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބި!

17 Apr 2019 | 23:45

ދަތުރުތައް ހުއްޓާލާފައިވާ މެގަ މޯލްޑިވްސް އެއާލައިނުން އަމިއްލަ ފަރާތެއްގެ ދެކުންފުންޏަކަށް ދިނުމަށް ސިވިލް ކޯޓުން އަމުރުކުރި، ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށްވެސް ދީފައިނުވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެއް ވެރިއެއްގެ ދަށުން ހިންގަމުންދާ ސަނީ ސުއިޓްސް މޯލްޑިވްސްއާއި އެމެކްސްލައިން ޓްރެވަލްއަށް މެގަ މޯލްޑިވްސްއިން ފައިސާ ދައްކަން ޖެހެނީ އެ އެއަރލައިންގެ ބައެއް މުވައްޒަފުން، ހުޅުމާލޭގައި ސަނީ ސުއިޓްސް ކުންފުނިން ހިންގި ގެސްޓްހައުސްއެއްގައި ހުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުންނެވެ. އަދި ފްލައިޓް ޑިލޭވި ފަސިންޖަރުން ހުޅުމާލޭގެ އެކިއެކި ގެސްޓްހައުސްތަކުގައި ބައިތިއްބައިގެން އެމެކްސްލައިން ޓްރެވަލްސްއަށް ނުލިބި ހުރި ފައިސާތަކެއްވެސް ވާކަން ފާހަގަކޮށްލެވެއެވެ.

މި މައްސަލަތަކުގެ ތަފްސީލަށް ބަލާލާއިރު، ފްލައިޓް ޑިލޭވި ފަސިންޖަރުން ހުރުން ހަމަޖައްސައިދިނުމުގެ ހިދުމަތަށް ދައްކަން ޖެހޭ 192،023.64 އެމެރިކާ ޑޮލަރާއި އެ އެއާލައިންގެ މުވައްޒަފުންނަށް ދީފައިވާ އެކޮމޮޑޭޝަނަށް ދައްކަން ޖެހި ނުދައްކާ އޮތް 35،400 އެމެރިކާ ޑޮލަރު ހިމެނޭ ގޮތަށް އެ ދެ ކުންފުންޏަށް ޖުމްލަ 227،423.64 ޑޮލަރު ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އެއީ ގާތްގަނޑަކަށް 3,506,872.5288 ދިވެހި ރުފިޔާކަން ފާހަގަކޮށްލެވެއެވެ.

އެ މައްސަލައިގައި ނެރުނު ހުކުމުގައި 11 ދުވަހުގެ ތެރޭގައި އެ މައްސަލަ ދައްކާ ހަލާސް ކުރުމަށް މެގައިގެ މައްޗަށް އަމުރުކުރި އިރު، އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވި އިރުވެސް މެގަ މޯލްޑިވްސްގެ ފަރާތުން އެ ހުކުމް އިސްތިއުނާފަށް ހުށަނާޅައެވެ.

މިކަމާއި ގުޅިގެން ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެދެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް މޫސާ ވިދާޅުވީ، މެގަ މޯލްޑިވްްސްއާއި އީމެއިލް އަދި ބަހުގެ ޒަރިއްޔާއިން މުއާމަލާތުކޮށްގެން އެ ފައިސާތައް ހޯދުމަށް މަސައްކަތް ކުރެވުނު ކަމަށާއި، އެކަމުގެ ތެރޭގައި އެ ފައިސާތައް ދައްކަން ޖެހޭކަން މެގަ މޯލްޑިވްސްއިން ވެސް އީމެއިލްއަކުން އިއުތިރާފްވިކަމަށެވެ. ނަމަވެސް މައްސަލައިގެ ފުރަތަަމަ ޝަރީއަތުގެ މަޖިލީހުގައި އެ ފައިސާ ދައްކަން ޖެހޭކަން މެގައިން އިންކާރުކުރިކަން އިބްރާހިމް ފާހަަގަކުރިއެވެ.

މި މައްސަލަތަކުގެ ޝަރީއަތްތައް ފަހުން ހިންގައި، ހުކުމްކޮށްފައިވަނީ މެގަ މޯލްޑިވްސްގެ ޣައިރު ހާޒިރުގައިކަން ފާހަގަކޮށްލެވެއެވެ.

މި މައްސަލަތަކުގައި ހުކުމް ކުރި ފަހުން އެގާރަ ދުވަސް ހަމަވި އިރުވެސް މެގަ މޯލްޑިވްސް އިން ފައިސާ ދައްކާފައި ނުވުމުން، އިބްރާހިމް މޫސާގެ ދެކުންފުނީގެ ވަކީލުންގެ ޓީމުން ވަނީ އެ ފައިސާތައް ހޯދުމަށް ތަންފީޒީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.

ވޮއިސްއާއި އިތުރަށް ވާހަަކަދައްކަމުން އިބްރާހިމް ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ މަޖިލީހުގައި، މެގަ މޯލްޑިވްސް ތަމްސީލްކުރާ ވިޝާމް އެންޑް ކޯ ލޯ ފާމުން ވަނީ ކުންފުނި އޮޑިޓްކުރަމުންދާ ކަމަށްބުނެ، ފައިސާ ދެއްކުމަށް އިތުރު ވަގުުތު ބޭނުންވާ ކަމަށް ބުނެފައިކަމަށެވެ. އަދި މި ދެ މައްސަލައިގައި ޝަރުއީ ނިޒާމުން އަވަސް ފަރުވާއެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް