7 ގޯލް ފެނިގެންދިޔަ ފޯރިގަދަ މެޗުގައި ސިޓީ ބަލިކޮށް ޓޮޓެންހަމް ސެމީއަށް

18 Apr 2019 | 05:09

ޗެންޕިއަންސް ލީގުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ޓޮޓެންހަމް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް ނިމިފައިވަނީ 1-0 ކުން ޓޮޓެންހަމް ކޮޅަށް ބުރަވެގެންނެވެ.

ވަރުގަދަ އެޓޭކިންގ ގޭމެއް ދެޓީމުގެ ފަރާތުންވެސް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔަ ދެވަނަ ލެގުގެ ފުރަތަމަ ހާފުގައި ސިޓީވަނީ 4 ވަނަ މިނެޓުގައި ސްޓާލިންގް ޖެހި ގޯލާއެކު ކުރި ހޯދާފައެވެ. އެ ގޯލްޖެހިތާ ތިން މިނެޓްތެރޭ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ސައުތް ކޮރެއާގެ ތަރި ސަންވަނީ ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ.

ފުރަތަމަ ގޯލް ކާމިޔާބުކުރިތާ މާގިނައިރުތަކެއް ނުވަނީސް ސަންވަނީ މެޗުގެ 10 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް މެޗުގެ ކުރިވެސް ހޯދަދީފައެވެ. ނަމަވެސް ސިޓީވަނީ 11 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލެއް ޖަހާ އުންމީދު އާކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔަ ސިޓީއަށް އަނެއްކާވެސް މެޗުގެ ކުރި ލިބުނީ 21 ވަނަ މިނެޓުގައި ސްޓާލިންގް ޖެހި ގޯލުންނެވެ.

20 މިނެޓް ތެރޭ ފެނުނު ފަސް ގޯލާއެކީ މެޗުގެ ފުރަތަމަ ހާފް ނިމުނީ 3-2 ކުން ސިޓީ ކުރީގަ އޮވެގެންނެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނު އިރު އެގްރިގޭޓް ނަތީޖާ އޮތީ 3-3 ކުން އެއްވަރުވެފައެވެ. އަދި ރަށުން ބޭރުގައި ޖެހި ގޯލުގެ ތަފާތުން ކުރި ލިބިފަ އޮތީ ޓޮޓެންހަމްއަށެވެ.

ދެވަނަ ހާފް ފަށައިގެން ޓޮޓެންހަމް ފަހަތަށް ފައިބައިގެން ކުޅެމުން ދިޔުމުގެ ފައިދާނަގާ ސިޓީވަނީ އެތަށް ފަހަރެއްގެ މަތިން ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ނަތީޖާއަކަށްވީ 59 ވަނަ މިނެޓުގައި އަގުއޭރޯ ކާމިޔާބު ކުރި ގޯލާއެކު މެޗުގެ ނަތީޖާ 4-2 ކަށްވެ އެގްރިގޭޓް ނަތީޖާ ސިޓީ ކޮޅަށް އެނބުރުމެވެ. އަގުއޭރޯގެ މި ގޯލުގައި ޑިބުރޫނޭގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މެޗުގައި ޑިބުރޫނޭގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ސްޓާލިންގް ޖެހި ދެ ގޯލުވެސް ކާމިޔާބު ކޮށްފައިވަނީ ޑިބުރޫނޭ ހެދި އެސިސްޓް ތަކުންނެވެ.

ކައުންޓަރ އެޓޭކުގައި ހަމަލާތައް އުފައްދަން މަސައްކަތްކުރި ޓޮޓެންހަމްއަށް އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބު ކުރެވުނީ ލިބުނު ކޯނަރަކުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗަށް ނުކުތް ލޮރެންޓޭ ގޯލް ތެރެއަށް ވައްދާލި ގޯލުންނެވެ. މި ގޯލް ޖެހުމުގައި ލޮރެންޓޭގެ އޭނާގެ އަތުގެ ބޭނުން ކޮށްފައިވޭތޯ ރެފްރީވަނީ ވީއޭރް މެދުވެރިކޮށް ބަލާފައެވެ. ރީޕްލޭ ބެލުމަށްފަހު ރެފްރީވަނީ މައްސަލައެއް ނެތްކަމަށް ނިންމާ އެއީ ގޯލެއް ކަމަށް ނިންމާފައެވެ.

އަވޭ ގޯލުގެ ތަފާތުން ކުރި ލިބުމާއެކު މުޅި ޓޮޓެންހަމް ޓީމް ކުޅުނީ ޑިފެންސްއަށްކަން ފާހަގަކޮށްލަން ޖެހެއެވެ. އެއާ ހިލާފަށް ސިޓީވަނީ ގޯލެއް ޖެހުމަށް ހުއްޓުމެއް ނެތި މަސައްކަތް ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ސިޓީވަނީ ގޯލެއް ކާމިޔާބުވެސް ކޮށްފައެވެ. ސިޓީގެ ކޯޗް ގާޑިއޯލާއައި އެޓީމުގެ ކުޅުންތެރިން އަދި ސަޕޯޓަރުން އުފާފާޅު ކުރަމުން ދަނިކޮށް ރެފްރީވަނީ ވީއޭއާރް މެދުވެރިކޮށް އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. މިއާއެކު ސިޓީ ސަޕޯޓަރުންގެ އަޑު އެއްކޮށްހެން ކެނޑި ޓޮޓެންހަމްގެ އަޑު ގަދަވެގެން ދިޔަ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

ސިޓީއަށް ލިބުނު ކުއްލި ހައިރާންކަމުން އަރައިނުގަނެވިގެން އުޅެނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-3 ކުން ސިޓީ މޮޅުވެ އެގްރިގޭޓް ނަތީޖާ 4-4 ގައި އޮވެގެންނެވެ. ޓޮޓެންހަމް ޖެހިގެން އޮތް ބުރަށް ގޮސްފައިވަނީ ރަށުން ބޭރުގައި ޖެހި ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ.

ސެމީ ފައިނަލުގައި ޓޮޓެންހަމް ބައްދަލުކުރާނީ ރެއާލް މެޑްރިޑް އަދި ޔުވެންޓަސް ޗެންޕިއަންސް ލީގުން ކަޓުވާލި އަޔެކްސްއާއެވެ. 

މި މުބާރާތުގައި ރޭ ލިވަޕޫލް އަދި ޕޯޓޯ ބައްދަލުކުރި މެޗް ފަސޭހަކަމާއެކު 4-1 ކުން ކާމިޔާބުކޮށް ލިވަޕޫލްވަނީ ސެމީއަށް ގޮސްފައެވެ. ލިވަޕޫލް ސެމީ ފައިނަލުގައި ވާދަކުރާނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަބަޔަކު ދެކޭ ބާސެލޯނާއާއެވެ. 

Advertisement

ކޮމެންޓް

Advertisement