އިންތިހާބް ކޯޓުން ބާތިލް ކުރައްވާނެކަމަށް އިބޫ ގަބޫލެއް ނުކުރައްވާ: މާރިޔާ

11 Oct 2018 | 20:53

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ރާއްޖޭގެ އެއްވެސް ކޯޓަކުން ބާތިލް ކުރައްވާފާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ ބުނޭ ބާރުތައް ފެށިގެންދާނީ ރައްޔިތުންނާ ހިސާބުން ކަމާއި ނިމިގެންދާނީ ވެސް ރައްޔިތުންނާ ހިސާބުން ކަމަށް. އެހެންކަމުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، އެއީ ރައީސުލްޖުމްހޫރިއްޔާ ނަމަވެސް، ރައްޔިތުންގެ މަޖިލީސް ނަމަވެސް އަދި ކޯޓެއް ނަމަވެސް، މިނިވަން މުއައްސަސާއެއް ނަމަވެސް މި ހުރިހާ އެންމެންނަކީ ވެސް ރައްޔިތުންނަށް ބޯލަނބަންޖެހޭ ބައެއް،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އިން ސްޕްރީމް ކޯޓަށް އިންތިހާބް ބާތިލް ކޮށްދެއްވުމަށް ހުށައަޅާފައިވާ މައްސަލަ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިންމާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމުގައިވެސް މާރިޔާވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ މި އިންތިހާބުގައި ބޮޑުތަނުން ބަލިވެފައި ކަމަށާއި ތަނެއްގެ ވެރިޔަކަށް ހުންނަވައި ޒާތިކަމެއްގޮތުގައި ވެރިކަން ނުގެންގުޅުއްވާ ރީތިގޮތުގައި ވެރިކަމުގައި ބާކީއޮތް ދުވަސްކޮޅު ކުރިއަށް ގެންދެވުމަށް ނަސޭހަތްތެރިވެފައެވެ.

"ރާއްޖޭގެ ކޯޓަކުން ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމް ކުޑަ ގޮތަކަށް ކަން ކުރާނެ ކަމަށް އަޅުގަނޑަށް ހަމަ ގައިމު ވެސް އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގަބޫލެއް ނުކުރައްވާ،" މާރިޔާ ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާ ފުލުހުންނާއި ސިފައިން ވަނީ ގަބޫލުކޮށްފައި ކަމަށާއި އަދި ކޯލިޝަންގެ ބޭފުޅުން ސަރުކާރު އޮފީސް ތަކަށް ކުރައްވާ ޒިޔާރަތްތަކުގައި އެމުއައްސަސާތަކުގެ ތތިއްބަވާ ބޭފުޅުންގެ އެއްބާރުލުން ލިބުމަކީ މީގެސާފު ހެއްކެތް ގޮތުގައި ސިފަ ކުރެއްވިއެވެ.

"ފުލުހުން ނަތީޖާ ގަބޫލުކޮށްފި، ސިފައިން ނަތީޖާ ގަބޫލުކޮށްފި. މި މުއައްސަސާތަކުން ތިއްބެވީ ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށް ވިދާޅުވެ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަން ގެންދަވަންކަން ވަރަށް ސާފުކޮށް އެނގޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިބީދައިން ވާހަކަ ދައްކަވާފައިވާ އިރު ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް އިންތިހާބު ބާތިލް ކުރުމަށް އެދި މައްސަލަ ހުށަހަޅުއްވާފައެވެ. އަދި މިއަދު އެ މައްސަލައިގެ އިބްތިހާލީ އަޑު އެހުން ވަނީ ބާއްވާފައެވެ.

Advertisement

ކޮމެންޓް