ފުޓްބޯޅަ ކުޅުންތެރިން ޝޯޝަލް މީޑިއާ ބޮއިކޮޓް ކުރަނީ

19 Apr 2019 | 13:59

އިނގިރޭސިވިލާތް އަދި ވްލޭސްގެ ޕްރޮފެޝެނަލް ފުޓްބޯޅަ ކުޅުންތެރިން ޝޯޝަލް މީޑިއާ ޕްލެޓްފޯމްތައް މިއަދުން ފެށިގެން 24 ގަޑިއިރަށް ބޮއިކޮޓް ކުރަން ނިންމައިފިއެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ މި ނިންމުމަކީ ނަސްލީ ތަފާތުކުރުންތަކައި ދެކޮޅަށް އަޑު އުފުލުމަށް ނިންމި ނިންމުމެކެވެ.

މި ސީޒަނުގައި ކުޅެވުނު ޑޮމެސްޓިކް އަދި ބައިލްއަގްވާމީ ގިނަ މެޗުތަކެއްގައި އެތައް ކުޅުންތެރިންނެއް ވަނީ ނަސްލީ ތަފާތު ކުރުމުގެ ފުރައްސާރައައި ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން ޝޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް މި ހުތުރު އަމަލުތައް ބައެއް މީހުންދަނީ ތަކުރާރުކޮށް ހިންގަމުންނެވެ.

މި ސީޒަނުގައި ހިނގައިދިޔަ މިފަދަ ހާދިސާތަކުގެ ތެރޭގައި ނޯތް ލަންޑަން ޑާބީގައި އާސެނަލްގެ ފޯވަޑް އޮބާމެޔާންގް ގޯލެއް ޖެހުމާއެކު އިދިކޮޅު ޓީމުގެ ސަޕޯޓަރުންވަނީ ދަނޑު މައްޗަށް ދޮންކެޔޮ ތޮށި އުކާފައެވެ. ޔޫރޯޕާ ލީގުގައި ޗެލްސީއިން ޑައިނަމޯ ކިއޭވްއައި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ޒުވާން ތަރި ހަޑްސަން އަށްވެސްވަނީ 'ރޭސިސްޓް އެބިއޫސް' އައި ކުރިމަތިލާން ޖެހިފައެވެ. ޗެލްސީވަނީ އެ މައްސަލަ ޔުއެފާއަށްވެސް ހުށަހަޅާފައެވެ. މީގެ އިތުރުން ޔުވެންޓަސްގެ 19 އަހަރުގެ ފޯވަޑް ކީންއަށްވެސް މިބާވަތުގެ ފުރައްސާރައައި އިޓަލީ ލީގުގައި ކުރިމަތިވެފައެވެ.

އެންމެފަހުން މިފަދަ ކަމަކައި ކުރިމަތިލާން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން އޭޝްލީ ޔަންގްއަށެވެ. ޗެންޕިއަންސް ލީގުގައި ބާސެލޯނާ އަތުން 3-0 ކުން ޔުނައިޓެޑް ބަލިވި މެޗަށްފަހު ޔުނައިޓެޑުގެ އެތައް ސަޕޯޓަރުންނެއްވަނީ އޭނާއަށް ޓާގެޓްކޮށް ހަޑިހުތުރު ބަހުން އަދި ނަސްލީގޮތުން ތަފާތުކޮށް ޓްވީޓްތަކެއް ކޮށްފައެވެ. މިކަމައި ގުޅޭގޮތުން އެ ކްލަބުންވަނީ މި އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށްބުނެ ބަޔާނެއް ނެރިފައެވެ. އަދި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް އެ ކްލަބުންވަނީ ބުނެފައެވެ.

މެންޗެސްޓާ ސިޓީގެ ތަރި ރަހީމް ސްޓާލިންގްއަކީވެސް އެތައް ފަހަރެއްގެ މަތިން ނަސްލީ ތަފާތު ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުޅުންތެރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކުޅުންތެރިންވަނީ ޝޯޝަލް މީޑިއާތަކުގެ މެނޭޖްމަންޓުން މިފަދަ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، އެކަންކަން ބަލާ، ރެގިއުލޭޓްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ޝޯޝަލް މީޑިއާތައް ބޮއިކޮޓްކުރާ މި ހަރަކާތަކީ ޕްރޮފެޝަލް ފުޓްބޯލާސް އެސޯސިއޭޝަނުން އިންތިޒާމްކުރާ ހަރަކާތެކެވެ. އެ އެސޯސިއޭޝަނުން ވަނީ މި ހަރަކާތް ފެށުމުގެ ގޮތުން ENOUGH ޖަހާފަ ފޮޓޯއެއް ލުމަށް ކުޅުންތެރިންގެ ކިބައިން އެދިފައެވެ. 

Advertisement

ކޮމެންޓް