ޤާސިމްގެ ރީޓުވީޓަކުން ކޯލިޝަން ނުރޫޅުނީ ކިރިޔާ!

12 Oct 2018 | 17:46

އިދިކޮޅު ޕާޓީތަކުން ގުޅިގެން ރައީސް ޔާމީން ބަލިކުރަން ކޯލިޝަނެއް އުފެއްދި ދުވަހުން ފެށިގެންވެސް ވަރަށް ގިނަ ބަޔަކު ދައްކަމުން އައި ވާހަކައެއް އޮވެއެވެ. އެއީ ކޯލިޝަން ނުދެމެހެއްޓޭނެ ކަމާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިއޮތް ގޮތުން ކޯލިޝަން ސަރުކާރެއް ނުހިންގޭނެ ވާހަކައެވެ.

ފެހި ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނު ފަހުން 3 ވެރިކަން ފެނިގެން ދިޔައިރު ހުރިހާ ވެރިކަމަކުން ވެސް ފެނުނީ އެއް މަންޒަރެކެވެ. ކޯލިޝަނެއް ހަދާ ވެރިކަމަށް އައުމަށްފަހު ލަސްތަކެއް ނުވެ ކޯލިޝަން ރޫޅޭތަނެވެ.

މާޒީގައި ކަންކަން ހިނގި ގޮތަށް ނުހިނގާނެ ކަމަށް ބުނެ މިހާރުގެ އިދިކޮޅު ޕާޓީތަކުން އިންތިހާބަށް ކުރިމަތިލީ ކޯލިޝަނެއް ހަދައިގެންނެވެ. އިންތިހާބަށް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަރުހަލާގައިވެސް ފެނުނީ ކޯލިޝަނުގެ އެންމެ ބޮޑު ދެ ޕާޓީކަމަށްވާ ޖޭޕީ އަދި އެމްޑީޕީއާއި ދެމެދު ހިޔާލުތަފާތުވި ތަނެވެ. 

ހިޔާލު ތަފާތު ވުންތަކާއި އެކުވެސް ކޯލިޝަނުން މިވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ. ނަމަވެސް މިހާރު ފެންނަމުން ދާ މަންޒަރަކީ ކޯލިޝަނުގައި އެއްބަޔަކު އަނެއް ބަޔަކާއި މެދު ޝައްކުގެ ނަޒަރުން ބަލަމުންދާ ތަނެވެ. ކުރެވޭ ކުޑަ ކުޑަ ކަންކަން ވަރަށް ބޮޑު ވެގެން ދާތަނެވެ.

މިގޮތުން ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރެއްވި ރީޓުވީޓަކާއި އެކު އެމަނިކުފާނު އަނެއްކާވެސް 'ބާޢީ' އަކަށް ނޫނީ 'ސޭޓަކަށް' ވެއްޖެއެވެ. އެމްޑީޕީގެ ޗެއަރޕާރސަން އިން ފެށިގެން ގޮސް މަޖްލިސް މެމްބަރުންނާއި، ސްޕޯކްސްޕާރސަން އާއި ޤައުމީ މަޖިލިސް މެމްބަރުން އަދި އެންމެ އާދައިގެ މަގުމަތީ އެކްޓިވިސްޓުންވެސް ޓުވިޓާގައި ޤާސިމްއާއި ދިމާކޮށްލިއެވެ. 

ހަމައެކަނި ޤާސިމް އަކާއި ނޫނެވެ. އެމަނިކުފާނުގެ އަނބިކަނބަލުންނާއި، އަދި ދަރީންނާއި ބެހި ދަށު ދަރަޖައިގެ ކަންކަން ބައެއް މީހުން ކުރިއެވެ. ޤާސިމް އަށް ޖެހުނީ އެންމެ ފަހުން އެމަނިކުފާނު ކުރެއްވި ރީޓުވީޓާއި ބެހޭގޮތުން ޓީވީއަށް އަރާ އެކަން ސާފުކޮށްދޭށެވެ. އަދި އެމަނިކުފާނު ހުންނެވީ އަދިވެސް ކޯލިޝަނާއި އެކުކަން "ސާބިތު" ކޮށްދޭށެވެ.

ސޯޝަލް މީޑިއާގައި ފެންނަ މަންޒަރުތަކަށް ބަލާއިރު އެމްޑީޕީގެ ސަޕޯޓަރުން ޤާސިމަކަށް އިތުބާރު ކުރާ ތަނެއް ނުފެނެއެވެ. އަދި ރައީސް ޔާމީން އާއި ގާސިމް ޑީލެއް ހެދީކަމަށް ވަރަށް ގިނަ މީހުން ވަނީ ތުހުމަތު ކޮށްފައެވެ.

އިންތިހާބީ ރައީސް ސޯލިހް ހުވާ ނުކުރެއްވިގެން އުޅެނިކޮށް މިފަދަ ބޮޑެތި މައްސަލަތަށް ޖެހެން ފެށުމުން ވަރަށް ގިނަ ބަޔަކު މިހާރުވެސް ވަނީ މާޔޫސް ވެފައެވެ. ބައެއް މީހުން ބުނާގޮތުން، ކޯލިޝަން އަދިވެސް ބައިބައި ނުވެ ހިފަހައްޓާދެނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވުމެވެ. 

ރައީސް ޔާމީންގެ ދައުރު ހަމަވެ ރައީސްކަމާއި ސޯލިހް ހަވާލުވާ ހިސާބުން އަދި މިއަށްވުރެ ބޮޑެތި މައްސަލަތަށް ދިމާވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 

Advertisement

ކޮމެންޓް

Advertisement