Advertisement

ކްރޮއޭޝިއާ ބަލިކޮށް ސްޕެއިނަށް ބޮޑު މޮޅެއް

12 Sep 2018 | 15:54

ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އަތުން ސްޕެއިން ރޭ އަމިއްލަ ދަނޑުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މިއީ އެންމެ ފަހުގެ ވޯލްޑްކަޕްގެ ރަނަރަޕް ކްރޮއޭޝިއާގެ ތާރީޚުގައިވެސް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ ތިން ގޯލް ކާމިޔާބުކޮށްފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ސްޕެއިނުގް ފުރަތަމަ ގޯލް ޖަހައިދިނީ ސައުލް ނިގުއޭޒް އެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ސްޕެއިނުގެ ލީޑް ފުޅާ ކޮށްދިނީ އަސެންސިއޯ އެވެ.

އޭގެ ތިން މިނެޓުފަހުން ސްޕެއިނުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު މިއީ ކްރޮއޭޝިއާގެ ގޯލްކީޕަރު ލޮވްރޭ ކަލިނިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އަސެންސިއޯ ތަނަވަސްކުރި ފުރުޞަތަކުން ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ އެޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދިންއިރު މެޗުގެ 57 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އިތުރު ލަނޑެއްޖަހައިދީ ނަތީޖާ 5-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އަސެންސިއޯ ނަގައިދިން ކޯނަރުކަން އައި ބޯޅައެއް ރާމޯސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގައި ސްޕެއިނުން ކާމިޔާބުކުރި ފަހު ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ އަސެންސިއޯ ދިން ބޯޅައަކުން އިސްކޯ އެވެ.

Advertisement

ކޮމެންޓް

Advertisement