ފަނޑިޔާރުންނަށް އިތުބާރު ނެތްކަމަށް ވިދާޅުވުމުން ސުއޫދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

25 Apr 2019 | 00:16

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެ ދެއްކެވި ވާހަކަތަކުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެހެންވެ ހުރިހާ ބޭފުޅުން ވެސް މަގާމުން ދުރުކުރަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ސުއޫދު އެ ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބަލަން ނިންމީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ގާނޫނީ ވަކީލުންގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން ކަމަށެވެ.

ސުއޫދި މިހެން ވިދާޅުވި އިރު އެބޭފުޅާ އަކީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސުޕްރީމް ކޯޓަށާއި ޝަރުޢީ ކޯޓުތަކުން ޤާނޫނާއިޚިލާފަށް ކުރާ ކަންތަކާއި ދެކޮޅަށް ވާހަކަ ދައްކަވާ ފަރާތެކެވެ. އެފަދަ މައްސަލަތަކުގައި މީގެކުރިން ސުއޫދު ވަނީ ޤާނޫނީ ވަކީލު ކަމުން ސަސްޕެންޑް ވެސް ކޮށްފައެވެ.

ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި ސުއޫދު ދެއްކެވި ވާހަކަތަކުގެ މައްސަލަ ބަލަނީ އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement