Advertisement

ލަންކާގައި ބުރުގާ އެޅުން މަނާކުރާކަށް އަދި ނޫޅޭ!

23 Apr 2019 | 21:13

ޒަމާނުއްސުރެ ސްރީލަންކާއަކީ އެކި ދީންތަކާއި، އެކި ސަގާފަތުގެ މީހުން ދިރިއުޅެމުންދާ ގައުމެކެވެ. މިނިވަން ގައުމެއްގެ ހަޔާތުގެ ބޮޑުބައެއް އެގައުމުން ދާޚިލީ ހަނގުރާމައެއްގައި ވޭތުކުރި ކަމަކީ ގިނަބަޔަކު ހަނދާނުގައި ހުންނާނެ ކަމެކެވެ. ނަަމަވެސް އޭރުގައިވެސް އެގައުމަކީ ދިމާވި ކޮންމެ ހިތާމަައަކުން ގުޅިގެން މަސައްކަތްކޮށް އަރައިގަތް ގައުމެކެވެ.

27އަހަރު ވޭތުވެގެންދިޔަ ދާޚިލީ ހަނގުރާމައިގެ ޒަޚަމްތައް ރަނގަޅަށް ނުފިލާ އޮއްވާ، އަނެއްކާވެސް އެގައުމު މިވަނީ އާ ފެށުމަކުން ފަށަން ޖެހިފައެވެ. މިދިޔަ އާދިއްތަ ދުވަހު ހަރުކަށި ޚިޔާލުގެ ބަޔަކު ދިން ނުރައްކާތެރި ހަމަލާއިން މުޅި ގައުމު ވަނީ ނާމާންކަމާއި ހާސްކަމަށް ވެއްޓިފައެވެ. ނަމަވެސް މި ނާމާންކަމުން އަަރައިގަންނަންވެސް އެގައުމުގެ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އަތުގުޅާލައި، އާނބަސް ބުނެގެންނެވެ. ވަކި ދީނެއް، ވަކި ނަސްލެއް ބެލުމެއްނެތި އެންމެން ނުކުމެ ދަނީ އާދިއްތަ ދުވަހުގެ ނުރައްކާތެރި ހަމަލާ ކުށްވެރި ކުރަމުންނެވެ.

ދުނިޔޭގައި ކަން ހިނގާ އުސޫލުން، އަބަދުވެސް ނަފްރަތާއި ރުޅިވެރިކަން ފަތުރަން މަސައްކަތް ކުރާ ފަރާތްތައް އުޅޭނެއެވެ. އެނގުމާއި ނޭންގުމުގެ ތެރެއިންވެސް މެއެވެ. އެގޮތުން ލަންކާއަށް ކުރިމަތިވެފައި މިވާ މި ނާޒުކު ފައްތަރުގައިވެސް މިފަދަ އަމަލުތައް ދަނީ މަދުމަދުން ނަމަވެސް ފެންނަމުންނެވެ.

އެގޮތުން ސްރީލަންކާގެ ސިޔާސީ ފަރާތެއްކަމުގައިވާ ޕްރޮފެސަރ އަޝޫ މަރަސިންހެ ވަނީ އެބޭފުޅާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި، އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރައްވަން ބިލެއް ހުށައަޅުއްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިއާއި އެކު ޚަބަރުތަކުގެ ފަލަ ސުރުހީއަށް މިކަން ފޯރިއެވެ. އެކި ފަރާތްތަކުން މި ވާހަކަ އެކި ގޮތްގޮތަށް ދައްކަމުން ދިޔައިރު، އެންމެ ފަހުން ބައެއް ފަރާތްތަކަށް ވެގެންދިޔައީ ލަންކާގައި އާދައިގެ ބުރުގާވެސް އެޅުން އެއްކޮށް މަނާކުރަން އުޅެނީ ކަމަށެވެ.

ނަމަވެސް ލަންކާއަކީ އެއަށްވުރެ މާ އެއްބައިވަންތަ މުޖުތަމައު އެކެވެ. 27އަހަރުގެ ބޮޑު ހަނގުރާމައެއް ކުރިހިނދުގައިވެސް 1980ގެ ތެރޭގައި މެނުވީ ތަމަަޅަ ނަސްލުގެ މީހުންނާއި ސީދާާ ދިމާކޮށްފައި ނެތެވެ. އެފަހަރުވެސް އެކަން ކުރީ މަދުބަޔަކު، ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބަރޯސާވެގެންކަން ލަންކާގެ ފަރާތްތަކުން ބުނެއެވެ. އެކި ދީންތައް އޮންނަ ސްރީލަންކާގައި އެއްވެސް ދީނެއްގެ ބަޔަކު އަނެއް ދީނަށް އިހުތިރާމްނުކޮށް، ހަރުކަށި ޚިޔާލުތައް ދެއްކުމަކީ އާބާދީގެ ބޮޑުބައި ބަލައިގަންނާާނެ ފަަދަ ކަމެއްނޫނެވެ.

މޫނު ބުރުގާ ފަދަ އެއްޗެއް އާންމު ތަންތަނުގައި މަނާކުރާ ވާހަކަ ދެއްކެވީ އެންމެ ފަރާތެކެވެ. އޭގެ އިތުރަށް މިހާތަނަށް އެއްވެސް އިތުރު މަޝްހޫރު ސިޔާސީ ފަރާތަކުންވެސް، ނުވަތަ ޕާޓީއަކުންވެސް ފާޅުކަން ބޮޑުގޮތެއްގައި އެއަށް ތާއިދުކޮށްފައިނެތެވެ. އަދި ސަރުކާރުގެ އިދާރާއަކުންވެސް، ބުރުގާއާއި މޫނު ބުރުގާ އެޅުމާއި ދެކޮޅަށް ވަކާލާތުކޮށްފައި ނުވެއެވެ. ލަންކާއަކީ އެކި ދީންތައް ޖުމްލަކޮށް ސުލްހަވެރިކަންމަތީގައި އުޅޭ ގައުމެކެވެ. އެ ސުލްހަ ދެމިއޮތުމަކީ އެގައުުމުގެ ގިނަ ބަޔެއްގެ ފޮނި އުންމީދެވެ.

Advertisement

ކޮމެންޓް