އުރީދޫ މަސްރޭސް:2018 ވަނައަހަރުގެ ޗެމްޕިއަން ޓީމަށް އިނާމު ހަވާލު ނުކުރާ މައްސަލަ ފެންމަތިވެއްޖެ!

23 Apr 2019 | 22:03

ފާއިތުވި 10 އަހަރުވެސް އުރީދޫ އިން ބާއްވަމުން އަންނަ މަސްރޭސް މިއަހަރުވެސް ބާއްވަން އެކުންފުނިން ނިންމާފައިވަނިކޮށް ނިމިދިޔަ 2018 ވަނައަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް އިނާމު ހަވާލުނުކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

އެގޮތުން އެޓީމްގެ މެންބަރުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

އޭގެތެރެއިން އެއްފަރާތުން ބުނެފައިވާގޮތުގައި ޖެހިޖެހިގެން ފަސްއަހަރު މުބާރާތް ބޭއްވިކަމުގައި ވިޔަސް ބައިވެރި ވެވިދާނެކަމަށާއި ނަމަވެސް މޮޅުވުމުން އިނާމާއި ހަދިޔާ ނުދެވެނީކަމުގައިވާނަމަ މުބާރާތް ނުބޭއްވުމަށް ވަނީ ގޮވާލާފައެވެ.

އެހެން ފަރާތަކުން ބުނެފައިވާގޮތުގައި އުރީދޫގެ ފައިސާގެ އިނާމް ލިބިފައިވަނީ އެތައްފަހަރަކު ފަހަތުން ދުވައިގެން މީގެ މަހެއްހާދުވަސް ކުރިންކަމަށެވެ.

މިމައްސަލާގައި އުރީދޫ މަސްރޭސް ބޮއިކޮޓް ކުރުމަށް އަންނަނީ ބައެއްފަރާތްތަކުން ގޮވާލަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

އުރީދޫ މަސްރޭސް ޗެމްޕިއަންޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 175،000 ރުފިޔާގެ އަގުހުރި ޑިންގީއެކެވެ.

މިކަމާގުޅިގެން އުރީދޫގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު މިއަހަރުގެ މުބާރާތުގައި ހަތަރު އަންހެންޓީމު ހިމެނޭހެން ޖުމްލަ 16 ޓީމު ވާދަކުރާނެއެވެ.

އުރީދޫ މަސްރޭހުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، އެންމެ ގިނަ މަސްބާނާ "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި ރަންކޯރި ދޭނެއެވެ. އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އަންހެން ކެޔޮޅުގެ މަގާމަށް ހޮވޭ ފަރާތްތަކަށްވެސް 5000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމައިފައެވެ. އުރީދޫ އިން ބުނީ މީގެ އިތުރުންވެސް މަސްރޭހުގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މަސްވެރިންނަށާއި ޓީމުތަކަށް ހާއްސަ އިނާމުތައް ދޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއްވައެވެ. 

Advertisement

ކޮމެންޓް

Advertisement