ލަންކާ ބޮމުގެ ހަމަލާ: ދިވެހިން ތިބީ އާންމު ހާލަތެއްގައި!

24 Apr 2019 | 11:13

މިދިޔަ އާދިއްތަ ދުވަހު، ސްރީލަންކާގެ އިރު ފެނުން ތޮޅެލީ އެހެނިހެން އާދިއްތަ ދުވަސްތަކެކޭވެސް އެއްފަދައިންނެވެ. ބަންދު ދުވަހެއްގެ ހެނދުނު ކަމުން ޗާޗްއަށް ދާ ފަރާތްތަކާއި ހެނދުނުގެ އަރާމުން އުފާ ހޯދުމަށް އުޅޭ ފަރާތްތަކުގެ އިތުރަށް މާ ގިނަ ބަޔަކު މަގުމަތީގައި ނޫޅެއެވެ. އެހެނަސް އެ ހާލަތު ކުއްލިއަކަށް ބަދަލުވިއެވެ. ބިރުވެރިކަމާއި ނާމާންކަން ފެތުރި، އެންމެން ހޭލަމޭލައަށް ހަރަކާތްތެރި ކޮށްލިއެވެ.

ސްރީލަންކާގެ އެކި ތަންތަނަށް ނުރައްކާތެރި ބޮމުގެ ހަމަލާތަކެއް ދިނީއެވެ. ޗާޗްތަކާއި، ހޮޓެލްތަކާއި ހައުސިންގް ކޮމްޕްލެކްސްއަަކަށެވެ. ރާއްޖެއިން ބޭރުގައި ދިވެހިންގެ އެންމެ ބޮޑު އާާބާދީއެއް އޮންނަ ސިލޯނަށް ދިން މި ހަމަލާތަކުގެ އަޑުޖެހުމާއި އެކު ކޮންމެ ދިވެއްސެއްގެ ސުވާލަކަށްވީ އެންމެ ސުވާލެކެވެ. ދިވެހިންގެ ހާލަކީ ކޮބައިތޯއެވެ؟ އެފަރާތްތައް ނުރައްކަލަކުން ދުރުވެފައިވޭތޯ އަދިވެސް އަޅުގަނޑުމެންނަށް މިދަނީ ސުވާލު ކުރެވެމުންނެވެ.

ހަމަލާގެ ޚަބަރު އިވުމާއި އޭގެ ފަހުން މިހާތަނާއި ހަމައަށްވެސް އެ ސުވާލުގެ ޖަވާބު ޔަގީންކުރުމުގައި އެންމެ ބުރަ ދައުރެއް އުފުލަމުންދަނީ ސިލޯނުގެ ވެރިރަށް، ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީންނެވެ. ދިވެހިންނާއި ހިތާއި ހިތުގެ ގުޅުމެއް އުފެދިފައިވާ ސިލޯނުުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ ވޮއިސްއަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި، މިހާލަތާއި ގުޅިގެން އެފަރާތުން އަޅަމުންދާ ފިޔަވަޅުތައް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވި އެމްބަސީގެ އިސް އޮފިޝަލަކު ވިދާޅުވީ ހަމަލާގެ މައުލޫމާތު ލިބުމާއި އެކު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެމްބަސީގެ ކޮންސިއުލަރ ހޮޓްލައިންތައް ހުޅުވާލެވުނު ކަމަށެވެ. އަދި އެމްބަސީގެ މުވައްޒަފުން ހަމަލާދިން ތަންތަނާއި، ހޮސްޕިޓަލްތަކާއި މޯޗަރީތަކަށްގޮސް މި ހަމަލާގައި އެއްވެސް ދިވެއްސަކު ނިޔާވެ، ނުވަތަ ޒަހަމްވިތޯ ބެލުނުކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި ކޮންސިއުލަރ ހޮޓްލައިންތައް މެދުވެރިކޮށް އެހީތެރިކަމަށް އެދުނު ފަރާތްތަކަށް ވީ މިންވަރަކުން އެހީތެރިކަން ވީކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަންކާގައި ކާފިޔު އިއުލާންކޮށްފައިވާ ގަޑިތައް ފިޔަވައި އެހެނިހެން ގަޑިތަކުގައި ޒަރޫރީ ބޭނުންތަކަށް ގަންނަންޖެހޭ ކާބޯތަކެތި ފަދަ އެއްޗެހި ގަތުމަށް ސަމާލުކަމާއި އެކު ބޭރަށް ދެވޭނެކަމަށް އެމްބަސީން ވަނީ އަންގާފައެވެ. އަދި މި ވަގުތުގައި ދިވެހިން ކާބޯތަކެެއްޗާއި ފެން ފަދަ އެއްޗެހި، ބޭނުންޖެހިފައިވާ އެހެނިހެން ދިވެހިންނަށް ފޯރުކޮށްދީ ހަދާކަމީ އުފަލާއި އެކު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ހިތާމައާއި ބިރުވެރިކަމުގެ ދަނޑިވަޅުގައިވެސް ދިވެހިންގެ އެއްބައިވަންތަކަން ދަނީ ފުރިހަމައަށް ދައްކުވައިދެމުންނެވެ.

ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި، އެއާޕޯޓުގެ ސަލާމަތީ ކަންކަންވެސް ވަނީ ވަރުގަދަ ކުރެވިފައެވެ. މި ހާލަތުގައި އެއާޕޯޓަށް ދާން ލަންކާގެ ފުލުހުންގެ ޚާއްސަ ހުއްދައެއް ބޭނުންވާނެކަމަށް ބުނެ ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ވާހަކަ ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ ދޮގުކޮށްފައެެވެ. އެމްބަސީން މައުލޫމާތު ދިންގޮތުގައި އެއާޕޯޓު ސަރަހައްދުގައި ހުރިހާ ފަރާތްތަކުގެ ސަލާމަތަށް ޗެކްޕޯސްޓްތަކެއް ގާއިމްކުރެވިފައިވެއެވެ. އެތަނުން ދަތުރުގެ ޓިކެޓާއި ޕާސްޕޯޓް ދައްކަން ޖެހޭނެކަމަށާއި އެއަށްވުރެ އިތުރު އެއްޗަކަށް ނާހާނެކަމަަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެއާޕޯޓުން ވަނީ ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ޗެކިންގްވުމަށް ހުރިހާ ފަސިންޖަރުންގެ ކިބައިން އެދިފައެވެ. ކާފިޔު ހިންގަމުންދާ ވަގުތުތަކުގައި އެއާޕޯޓުން ހުއްދަ ދީފައިވާ ޚާއްސަ ޓެކްސީތަކެއް، ފަސިންޖަރުން ގޮވައިގެން ކޮލަމްބޯއަށް ދަތުރުކުރާނެއެވެ. އަދި ކޮލަމްބޯއިން އެއާޕޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް “ކެންގަރޫ ކެބްސް" އެޕްލިކޭޝަނުން ޚިދުމަތް ލިބޭކަން ފާހަަގަކޮށްލެވެއެވެ.

ސިލޯނަކީ އަވައްޓެރި އަދި ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމެއްކަމުން އެގައުމުގައި ހިނގައިގެން އުޅޭ ކަންތައްތަކުގެ މައުލޫމާތުތައް ރާއްޖޭގެ މީޑިޔާތަކުންނާއި، ސޯޝަލް މީޑިޔާ ގްރޫޕްތައް މެދުވެރިކޮށް ދަނީ ފަތުރަމުންނެވެ. އެގޮތުން ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް އަަންނަ މެސެޖްތަކުގެ ތެދު ހަގީގަތް ބެލުމަށްފަހު ނޫނީ އެކަން އިތުރަށް ނުފެތުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ނުބައި މައުލޫމާތެއްގެ ސަބަބުން މީހުންގެ ހިތްތަކުގައި ބިރުވެރިކަމާއި ހާސްކަން އުފެދުމުގެ ފުރުސަތު އޮންނާނެތީއެވެ.

ސިލޯނުގައި އުފެދިފައިވާ ނުރައްކާތެރި ހާލަތުގައި އެގައުމުގައި ތިބި ހުރިހާ ފަރާތްތަކެއްގެ ސަލާމަތްތެރިކަން ޔަގީންކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ދަނީ މީހުން ދިރިއުޅޭ ބައެއް ތަންތަން ބަލާ ފާސްކުރަމުންނެވެ. އެގޮތުން ބަލާ ފާސްކުރާ ވަގުތުގައި އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ބޭރަށް ނުދެވޭ ގޮތާއި، ބޭރުން އެއްވެސް ފަރާތަކަށް އެތެރެއަށް ނުވަދެވޭނެ ގޮތް ހަދައެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާނެ އުސޫލެވެ.

މި ބަލާފާސްކުރުމުގެ ތެރޭގައި ވަތް ދިވެހިން އުޅޭ އެއްވެސްް ތަނަކުން ގޮވާ އެއްޗެއް ނުފެންނަަކަމަށް ސްރީލަންކާގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ އެމްބަސީގެ އޮފިޝަލް ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި އެފަދަ ހާދިސާއެއް ލަންކާގެ އެއްވެސް މީޑިޔާއަކުންވެސް ނުވަތަ އިތުބާރުހުރި މަސްދަރަކުންވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ލަންކާގެ ހާަލަތަކީ އާންމު ހާލަތެއް ނޫނެވެ. ކުއްލި ނުރައްކަލެވެ. ނަމަވެސް މި ކުއްލި ނުރައްކަލުގެ ހާލަތާއި ރާއްޖޭގައި މީގެކުރިން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާއި މާ ބޮޑު ތަފާތެއް ނެތްކަން ފާހަަގަކޮށްލެވެއެވެ. އިއުލާންކުރެވުނު ސަބަބު ތަފާތެވެ.

މި ހާލަތުގައި ދިވެހިންގެ އެއްވެސް ފަރާތަކުން ލިބޭ މައުލޫމާތެއް ސާފުކުރުމަށް ނުވަތަ އެހީއެއް އެދިގެން ބޭނުން ވެއްޖެނަމަ ގުޅުމަށް ކޮންސިއުލަރ ހޮޓްލައިނެއް އެމްބަސީން ވަނީ ގާއިމްކޮށްފައެވެ. އެއީ:

+94764189900

+94727277072

+94766086660

ސްރީލަންކާގެ ފަރާތްތަކުން ވަނީ މިދުވަސްވަރުގައި ޝައްކު ކުރެވޭފަދަ އެއްވެސް ކަމެއް ހިނގާނަމަ، ގާއިމްކޮށްފައިވާ ހޮޓްލައިނަށް ގުޅުމަށް އެދިފައެވެ. އެއީ:

011 – 3024873

011 – 3024883

011 – 2013039

ވޮއިސްގެ ޓީމްގެ ފަރާތުން ލަންކާގައި ތިބި ހުރިހާ ފަރާތްތަކަށް، ވަކިން ޚާއްސަކޮށް އެންމެހާ ދިވެހިންނަށް އަމާންކަމާއި ރައްކާތެރިކަން އެދެމެވެ. އެމްބަސީން ދެމުންދާ އިރުޝާދުތަކަށް ގާތުން ބެލުމަށް އެދެމެވެ.

Advertisement

ކޮމެންޓް