Advertisement

މިދުވަސްވަރު ލަންކާގައި ބޭރުގައި އުޅޭނަމަ ޕާސްޕޯޓް ހިފައިގެން އުޅޭ: އެމްބަސީ

25 Apr 2019 | 11:41

ސްރީލަންކާގައި މިވަގުތު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭރު ތެރޭގައި އުޅޭނަމަ ޕާސްޕޯޓު ހިފައިގެން އުޅުމަށް ހުރިހާ ދިވެހިންނަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީން އެދެފިއެވެ.

އެމްބަސީން މިހެން އެދިފައިވަނީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓްތަކެއްގައެވެ.

އެމްބަސީން ބުނެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަމަލާތައް ކަމާއިބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާތީ، ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ގޭގެ ބަލާފާސްކުރުގައާއި ޗެކްޕޮއިންޓްތަކުންވެސް ޕާސްޕޯޓްތައް ޗެކްކުރަމުން ގެންދާނެކަމަށެވެ.

މިހެންކަމުން ބޭރުގައި އުޅުއްވާ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްބަސީން ވަނީ ހުރިހާ ދިވެހިންގެ ކިބައިން އެދިފައެވެ. އަދި ސްރީލަންކާގެ ގަވާއިދުތަކާއި ގާާނޫނުތަކާއި އެއްގޮތަށް ޕާސްޕޯޓްގެ ވިސާގެ ކަންތައްތައް ފުރިހަމަވެފައިވޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައެވެ.

ސްރީލަންކާގައި ކާފިޔު ހިންގާ ވަގުތުތަކުގައި މަގުބޫލު އުޒުރެއް ނެތި ބޭރު ތެރޭގައި އުޅުމަކީ މަނާ ކަމެކެވެ. އަދި ކާފިޔު ނުހިންގާާ ވަގުތުތަކުގައިވެސް ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުމެ ހެދުމަށް ދިވެހިރާއްޖޭގެ އެމްބަސީން ވަނީ އިރުޝާދު ދީފައެވެ.

Advertisement

ކޮމެންޓް