މިއަހަރުގެ މިހާތަނަށް 7.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ

25 Apr 2019 | 14:41

2019 ވަނަ އަހަރުގެ މިހާތަނަށް އައިއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން ފާއިތުވި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ކޮށްފައިވާ ޚަރަދު ކުޑައެވެ. އެގޮތުން ދައުލަތުގެ ޙަރަދު އުޅެނީ 6.18 ބިލިއަން ރުފިޔާގައެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް ލިބިފައިވާ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ.

އޭޕްރީލްމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ލިބުނު 7.1 ބިލިއަން ރުފިޔާގެ ތެރެއިން 5.2 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ.

ދައުލަތުން ހޭދަކުރި 6.18 ބިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ އިދާރީ ޚަރަދުތަކަށާއި، ސަބްސިޑީ އަދި ހިންގުމުގެ ޚަރަދަށެވެ.

އަދި އޭގެ ތެރެއިން ވެސް ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަނަށް 2.3 މިލިއަން އަދި އިދާރީ މަސައްކަތަކާއި އޮފީސްތައް ހިންގުމަށް 2.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައިވެއެވެ. 

Advertisement

ކޮމެންޓް