Advertisement

ސަލަފްގެ "ވާބިލް" ޙާލުގައި ދިރިއުޅެމުންދާ ޢާއިލާތަކަށް ރަމަޟާންމަހު އެހީތެރިވުމުގެ ޕްރޮގްރާމްފަށައިފި

25 Apr 2019 | 23:39

ދަތި ޙާލުގައި ދިރިއުޅެމުންދާ ޢާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޖަމްޢިއްޔަތުއްސަލަފުން "ވާބިލް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމް މިއަހަރު ފަށައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު އަލްއަޚް އަޙްމަދު ޝަރީފް ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގައި މިފަހަރު 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓްގައިވާ ފޯމު ފުރުއްވާލެއްވުމަށްފަހު އޮންލައިންކޮށް ހުށައެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި އަދި މީގެއިތުރުން ޖަމްޢިއްޔާގެ އިދާރާއިންވެސް ފޯމް ލިބެންހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

”އިންޝާ ﷲ އަޅުގަނޑުމެން މިފަހަރު މިބަލަނީ އެހީތެރިކަން ބޭނުންވާ 100 ޢާއިލާއަށް މުޅި ރޯދަމަހަށް ބޭނުންވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭތޯ.“ ޝަރީފް ވިދާޅުވިއެވެ.

ސަލަފުން އިތުރަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި އެހީ ދެވޭ ފަރާތަތައް ހޮވާނީ ކައުންސިލްތަކާއި ޢާންމު ފަރާތްތަކުން މައުލޫމާތު ކަށަވަރު ކުރުމަށްފަހުކަމަށެވެ.

މިޕްރޮގްރާމަށް ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ބޭފުޅުނަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމާއިބެހޭ އިތުރު މަޢުލޫމާތު 9927777 ނުވަތަ 7778695 އަށް ގުޅާލުމުން ލިބިވަޑައިގަންނަވާނެކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއްްވައެވެ.

Advertisement

ކޮމެންޓް