ރައްޔިތުންނާއި ޑިމޮކްރަސީއަށް ބޮޑެތި ޢުދުވާންތައް ދޭ ފަނޑިޔާރުން އެބަތިބި: އިންތި

26 Apr 2019 | 17:40

 ދިވެހިރާއްޖޭގެ ރައްޔިތުންނާއި އަދި ޑިމޮކްރަސީއަށް ބޮޑެތި ޢުދުވާންތައް ދޭ ފަނޑިޔާރުން ކޯޓުތަކުގައި އެބަތިއްބެވި ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ފަހުމީ މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންެގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާއި ބެހޭގޮތުން މަޖިލީހަށް ހުށަހެޅި ބިލާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އިންތި ވިދާޅުވި ގޮތުގައި މަތީ ކޯޓުތަކުގައި ކަނޑައެޅިގެން ބޮޑެތި ޖަރީމާތައް ހިންގާ މުޖުރިމުން އެބަތިބި ކަމަށެވެ.

"މަތީގައި މި ތިއްބަވާ ކޯޓުތައް ހަމަ ބޮޑެތި ޖަރީމާތައް ހިންގާ މުޖުރިމުން މި ވަގުތު ތިއްބެވީ. ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ޢަމަލުކުރަމުންދާ ފަނޑިޔާރުގެ އެއް މިއަދު އޮތީ. އިޞްލާޙުކުރަންޖެހޭ. ބަދަލުކުރަންޖެހޭ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ހައިބަތާއި ކަރާމަތް އިސްކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ރާއްޖޭގައި ހުރި އެންމެ ރީތި އިމާރާތް ވެސް ދީފައިވާ ކަމަށާއި އަދި ފަނޑިޔާރުންނަށް ދޭން ޖެހޭ އިނާޔަތްތައް ދިނުމަށް އެމްޑީޕީން ވަކާލާތު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި، އިންސާނީ ބުއްދި ގަބޫލުކުރާ ހަމަތަކުގެ މަތީން ކަމަށް އިންތި ވިދާޅުވިއެވެ.

ރާއްޖޭގެ ކޯޓުތަކުގައި ރަނގަޅު ފަނޑިޔާރުން ވެސް ތިއްބެވި ކަމަށާއި ހަމަ އެގޮތަށް ރާއްޖޭގެ ރައްޔިތުންނާއި މި ރާއްޖޭގެ ޑިމޮކްރަސީއަށް ބޮޑެތި ޢުދުވާންތައް ދޭ ފަނޑިޔާރުން ތިއްބެވި ކަން އިންތި ފާހަގަކުރެއްވިއެވެ.

"ބޮޑެތި އުދުވާންތައް ދޭ ފަނޑިޔާރުން"ގެ ގޮތުގައި އިންތި ސިފަކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވި ގޮތުގައި އެ ކޯޓުން ނެރުނު ޙުކުމެއްގެ ސަބަބުން ބައެއް ފަނޑިޔާރުން އެއީ ރިޝް ވަތު ނެގި ބައެއްގެ ގޮތުގައި ހަދާފައި ޖަލަށް ލެވުނު ކަމަށެވެ.

އިންތި އިޝާރާތް ކުރެއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސިޔާސީ ހައްޔަރީން ދޫކުރުމަށް ގޮވާލައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށެވެ.

އެގޮތުން 1 ފެބްރުއަރީގެ ހުކުމްގައި ސޮއިކުރި 3 ފަނޑިޔާރަކު އަނެއް 2 ފަނޑިޔާރުން ރިޝްވަތު ނެންގެވިކަމަށް ބުނެ ހުކުމް ނެރުއްވުމުން އެކަމާއި މެދު ސުވާލު އެފެދޭކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި ގޮތުގައި ފާއިތުވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ދިން ވޯޓަކީ ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ދެއްވި ވޯޓެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވި ގޮތުގައި ރައްޔިތުން ވޯޓު ދިނީ ގާސިމަށް ވެސް އަނިޔާކުރި ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކަމަށެވެ.

"އިއްޒަތްތެރި ރައީސަށް އަނިޔާދިން ފަނޑިޔާރުގެ އިޞްލާޙުކުރުމުގައި، ދެން ތިއްބެވި މެންބަރުންނަށް އަނިޔާދެމުންދިޔަ ނުޙައްޤުން؛ ނުޙައްޤުން އަނިޔާދެމުންދިޔަ ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ދެއްވި ވޯޓެއް." އިންތި ވިދާޅުވިއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމާއި ގާތްވެފައި ވަނިކޮށް އަވަސް އަރުވާލައިގެން ކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް