ލަންކާއަށް ދިން ހަމަލާތަކުގައި އިންޑިޔާގެ ޖާސޫސީ އިދާރާގެ އަތެއް!؟

30 Apr 2019 | 19:13

ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ ސަންޑޭ އާއި ދިމާކޮށް ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ އިންޑިޔާގެ ޖާސޫސީ އިދާރާއެއް ކަމުގައިވާ "ރިސާޗް އެންޑް އެނާލިސިސް ވިންގް" (ރޯ ކަމަށް ޕާކިސްތާނުގެ ނޫހަކުން ތުހުމަތުކޮށްފިއެވެ.

ޕާކިސްތާނުގެ ޚަބަރުތައް ގެނެސްދޭ ޑެއިލީ މެއިލްޕީކޭގައި ޝާއިއުކޮށްފައިވާ އިންވެސްޓިގޭޓިވް ރިޕޯޓެއްގައި ވަނީ އިންޑިޔާގެ ޖާސޫސީ އިދާރާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޕްރީލް މަހުގެ 2 ވަނަ ހަފްތާގެ ތެރޭގައި ރޯ އިން ލަންކާގެ ރަސްމީ އިދާރާތަކަށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ލަންކާގައި ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ސިޓީއެއް ފޮނުވިކަމަށެވެ. އަދި މިގޮތަށް އިންޑިޔާއިން ފޮނުވި ސިޓީގެ ބޭނުމަކީ، ކޮލަންބޯގައި ގާއިމްކޮށްފައިވާ އިންޑިޔާގެ ހައިކޮމިޝަނުގެ ސަލާމަތާއި ބެހޭގޮތުން އެއްކުރާ ޖާސޫސީ މައުލޫމާތުގެ ތެރެއިން ފާހަގަވި ކަމެއް ކަމަށް ދެއްކުމަށް އިންޑިޔާއިން މަސައްކަތް ކުރި ކަމަށެވެ. އަދި އެއީ އިންޑިޔާގެ ޖާސޫސީ އިދާރާ "ރޯ"ގެ ޖާސޫސޫން ލަންކާގައި ހަރަކާތްތެރިވެ ހޯދި މައުލޫމާތުތައް ނޫންކަމަށް ދައްކަން އިންޑިޔާއިން މަސައްކަތް ކުރި ކަމަށް "ޑެއިލީ މެއިލްޕީކޭ" އިން ވަނީ ބުނެފައެވެ.

މަހްދޫމް ބަބަރް ލިޔެފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ނޫސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި ލަންކާގައި ހަމަލާދިނީ އިންޑިޔާއިން ހިއްސާކުރި ޖާސޫސީ މައުލޫމާތުގައި ހިމެނިފައިވާ ތަންތަނަށް ކަމަށެވެ. އަދި އިންޑިޔާގެ ހައިކޮމިޝަނަށް އެއްވެސް ހަމަލާއެއް ދީފައި ނުވާއިރު އެފަދަ ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައި ނުވުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެހެންވެ ލަންކާގެ އިދާރާތަކަށް ނޭނގި އިންޑިޔާއިން ލަންކާގައި ޖާސޫސީ އޮޕަރޭޝަނެއް ހިންގީ ކީއްވެގެންތޯ "ޑެއިލީ މެއިލްޕީކޭ" އިން ވަނީ ސުވާލު އުފެދޭ ކަމަށް ބުނެފައެވެ.

ލަންކާގައި ދިން ހަމަލާތަކުގައި ބޭރުގެ ޖާސޫސީ އިދާރާއެއްގެ އަތެއް ވެދާނެ ކަމަށް ތުހުމަތުކޮށްފައި ވަނީ ހަމައެކަނި ޕާކިސްތާނުގެ ޑެއިލީމެއިލް ޕީކޭ" ނޫހުން އެކަންޏެއް ނޫނެވެ.

ލަންކާގެ ގިނަ ބައެއްގެ އިހްތިރާމް ހޯދާފައިވާ ނޫސްވެރިޔާ ލަތީފް ފާރޫކް، "ކޮލަމްބޯ ޓެލެގްރާފް"ގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުންނާއި ދެމެދު މީގެ ކުރިން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނެތް ކަމަށެވެ. އަދި ލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުންނާއި ދެމެދު ކުރިމަތިލުމެއް އަދި ދެކޮޅުވެރިކަމެއް ހިނގާފެއި ނެތްއިރު، މީގެ ކުރިން ކްރިސްޓިއަނުންނާއި މުސްލިމުންނަށް ވެސް ވަނީ ހަރުކަށި ޚިޔާލުގެ ބުޑިސްޓުންގެ ފަރާތުން ހަމަލާތައް އަމާޒުވިއެވެ. އަދި ހަމަލާތަކުގައި މުސްލިމުންނާއި ކްރިސްޓިއަނުންނަށް އަނިޔާ ލިބުނު ނަމަވެސް އެކަމާއި ދެކޮޅަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާރޫކް ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި ސަރުކާރުގެ އެއްވެސް އިމާރާތަކަށް އަދި މުނިފޫހިފިލުވުމުގެ ހަރަކާތެއް ބާއްވާތަނަކަށް ހަމަލާ ނުދީ ހަމައެކަނި ކްރިސްޓިއަނުންގެ ޗާޗުތަކަށް ހަމަލާދިނުމުން ވެސް ސުވާލު އުފެދޭ ކަމަށް ވެސް ފާރޫކް ވަނީ ބުނެފައެވެ.

ވަކި ގައުމެއްގެ ނަން ހާމަނުކޮށް ލަންކާގެ އެންމެ މަގުބޫލް ނޫހުގައި ޝާއިއުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބޭރުގެ ފަރާތްތަކުން ލަންކާގައި ބައިބައިވުން އުފައްދައި އެ ގައުމުގެ ހަމަނުޖެހުން ނަގާލުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތަށް އެކަން ކުރަނީ ލަންކާއަށް އަތްގަދަ ކުރުމަށް ބަހަނާއެއްގެ ގޮތުގައި ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް