ސިންގަޕޫރުގެ ކިޔަވައި ދިނުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް

13 Oct 2018 | 20:10

ސިންގަޕޫރުގެ ކިޔަވައި ދިނުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުދިންގެ ނަތީޖާތައް އަޅާ ކިޔުން ހުއްޓާލައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ކިޔެވުމަކީ މުބާރާތެއް ނޫންކަމުގައި ކުދިންނަށް ވިސްނައި ދިނުމަށާއި ދަރިވަރުން މުސްތަގުބަލަށް ތައްޔާރުކުރުމަށް ޓަކައެވެ.

މި ބަދަލު ތަކާއެކު ކުދިންގެ ރިޕޯޓު ފޯމުތަކުން އެކުދިން ކުލާހުގައި ގިންތި ކުރެވިފައިވާ ހިސާބު އިނގޭކަށް ނޯންނާނެއެވެ.

ކުދިންގެ އަމިއްލަ ކުރިއެރުމަށް އަމާޒު ބެހެއްޓުމަށް އެހީތެރިވެ ދިނުމަށާއި އެކުވެރި ކުދިންގެ މެދުގައި އޮންނަ ދުޅަހެޔު ނޫން ވާދަވެރިކަން ނައްތާލުމަށްޓަކައި ގްރޭޑް 6 އަކުން ފެށިގެން 8 ކައި ހަމަޔަށް ކިޔަވާ ދަރިވަރުންނަށް އެއްވެސް އިމްތިހާނެއް ދެން ސިންގަޕޫރުގެ ސްކޫލްތަކުގައި ނުބާއްވާނެއެވެ.

ނަމަވެސް ދަރިވަރުންގެ ވިސްނުން ހުރިގޮތް ބަލާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ކިޔައި ދިނުމައްޓަކައި ކްލާސް އެސެސްމެނެޓް ތަކެއް ބޭއްވޭނެއެވެ.

މަތީ ގްރޭޑް ތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންނަށް އަހަރުގެ މެދުތެރެއިން ދެމުން އަންނަ އިމްތިހާނު ތަކެއްވެސް ދެން ނުބާއްވާނެއެވެ. މީގެ ބޭނުމަކީ އައު މާއްދާތަކަށް ދަރިވަރުން ހޭނުމަށް ފުރުސަތަ ދިނުމެވެ.

ކިޔަވައި ދިނުމުގެ ނިޒާމަށް މި ބަދަލުތައް ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން ގެނައުމުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް ލިބޭ މާކްސްތަކަށް ދޭ ބޭނުން ނޫން އިތުރު ސަމާލުކަން ކުޑަ ކުރުމެވެ. އަދި ތަރައްގީވެ ކުރިއަރަމުން ދާ ދުނިޔޭގެ މާހައުލުން ދިމާވާނެ ކަންތައްތަކަށް އަމަލީ އަދި ފަންނީ ގޮތުން ކުދިން ތައްޔާރު ކުރުމެވެ.   

Advertisement

ކޮމެންޓް