ހުޅުމާލެ ގޯތި ދޫކުރުން: ދަފްތަރު އެންމެން ހަމަހަމައެއް ނުވާނެ - ޑރ. މުއިއްޒު

12 Oct 2018 | 21:13

ސަރުކާރުން މިހަފްތާގައި ހުޅުވާލި ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ 400 ގޯއްތި ދޫކުރުމުގައި ދަފްތަރުގެ އެންމެނަށް ޕޮއިންޓް ދިނުމުގައި ހަމަހަމަ ނުވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަފްތަރުގައި ޖެހި ވަކި މުއްދަތެއް ވާމީހާއަށް ވަކި އަދަދަކަށް ގޯތި ކަނޑައަޅާފައި، މިއަދު އެދޭ މީހުނަށް އެއަށް ވުރެން މަދުން ކަނޑައަޅާފަ ހުންނާނީ. ގިނަ ދުވަސްވީ މީހުނަށް ގިނަވާނެ ގޯތި. ތަފާތު ގެނެސް އެހެރީ. މާލޭ ރައްޔިތުންނަށް ވަކި އަދަދެއް. ދަފްތަރަށް ވަކި އަދަދެއް. ދަފްތަރު ޖެހިފަ ވާ މީހުންގެ ތެރެއިންވެސް ގިނަދުވަސް ވީ މީހުނަށްވެސް ވަކި އަދަދެއް." ޑރ މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ހުޅުމާލެ ގޯތި ދޫކުރުމުގައި ނާޖާއިޒް ފައިދާ ހޯދުމުގެ ތުހުމަތު އެ މިނިސްޓްރީގެ މައްޗައް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ގޯއްޗައް ޢިއުލާން ކުރުމާއެކު ދަފްތަރުގައި ދަނީ ގިނަ ބަޔަކު ޖެހެމުންކަމާއި މީގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކުގަ ތިއްބަވާ ބޭފުޅުންނާ ޕީޕީއެމްއަށް ނިސްބަތްވާ އެކްޓިވިސްޓުން ހިމެނޭ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.

އަދި މިވީހާ ދުވަހު ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާ އެއްހަމަ އެއްގައި އެފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވާ ކަމަށް ބުނެ ވަނީ ހައުސިންގ މިނިސްޓްރީގެ މުވަޒަފުން އޭސީސީއަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ނަމަވެސް މިކަން ދޮގުކުރައްވައި ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވިގޮތުގައި މާލޭ ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ގޯތި ދިނުމުގައި ދަފްތަރުގެ މުއްދަތައް ރިޔާޔަތް ކުރާނެކަމަށެވެ.

ދަފްތަރުގައި ޖެހި ގިނަދުވަސްވި މީހާއާއި މިއަދު ޖެހޭ މީހާއާއި އޭގެ ހުރި ތަފާތުތަކަށް އަޅުގަނޑުމެން ރިޔާއަތް ކޮށްފައޭ އަޅުގަނޑުމެން މީތިކުރިއަށް ގެންދާނީ. އެންމެން ހަމަހަމައެއް ނުވާނެ" ޑރ މުއިއްޒު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement