ކުއްލި ހާލަތުގެ ދަށުން ލަންކާގައި ކަންފަތް ނިވާކުުރުންވެސް ވަގުތީގޮތުން މަނާ

30 Apr 2019 | 18:19

ސްރީލަންކާގައި އިއުލާންކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލަންކާގައި މޫނު ނިވާކުރާހިނދު، ކަންފަތް ނިވާކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ މިމަހުގެ 22ވަނަ ދުވަހުގައި އިއުލާންކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް އިއްޔެ ގެނެވުނު އިސްލާހެއްގެ ދަށުންނެވެ.

މި އިސްލާހުގައިވާ ގޮތުގައި އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގާ ވަގުތުގައި އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާވާނެއެވެ. މިގޮތަށް އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ އެންމެންގެ ސަލާމަތަށްޓަކައި، އެގައުމުގެ މުސްލިމުންގެ އިސް ޖަމާއަތުގެ މަޝްވަރާގެވެސް މަތިންނެވެ.

މި އިސްލާހުގައި އިތުރަށް ބުނެފައިވާ ގޮތުގައި އާންމު ތަންތަނުގެ ގޮތުގައި އިޝާރާތްކޮށްފައިވަނީ އާންމު މަގުތަކާއި، އިމާރާތާއި، އާންމު ޖާގައަކާއި އަދި ދުއްވާ ތަކެއްޗެވެ.

އަދި މުޅި މޫނު ނިވާކުރުން މަނާވުމުގެ ތެރޭގައި ކަންފަތް ފޮރުވުންވެސް ހިމެނެއެވެ.

އަދި މިކަން ބައެއް ފަރާތްތަކުގެ މައްޗަށް ނުހިނގާނެކަމަށް ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި އެއީ ހެލްމެޓް އަޅާ ފަރާތްތައް ފަދަ މީހުންނަށެވެ. މިގޮތަށް އަމަލުކުރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ހުއްޓާލާާނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް