Advertisement

މަސައްކަތްތެރިންގެ ހާލަތާއި މެދު ކަންބޮޑުވަން: ޕީއެންސީ

02 May 2019 | 11:04

ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ މިއަދުގެ ހާލަތާއި މެދު ކަންބޮޑުވާކަމަށް އިދިކޮޅު ޕީއެންސީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ޚާއްސަ ބަޔާނެއްގައެވެ.

ޕީއެންސީން ބުނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހާލަތާއި މެދު ކަންބޮޑުވާ ކަމަށާއި އާ ސަރުކާރު ހުވާ ކުރުމަށް ފަހު އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަމަށާއި އަދި ސިޔާސީ މަޤްސަދެއްގައި އެކި އެކި ފަރާތް ތަކުން ވަޒީފާއިން ކަނޑާލާނެ ކަމަށްބުނެ ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ.

އެ ޕާޓީން ވަނީ މިފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެ، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ވަޒީފާގެ ހައްގުތައް ރައްކާތެރިކޮށް ހަމަހަމަ ކަމާއި އިންސާފުން ޤާނޫނުގެ ތެރެއިން ހުރިހާ ފަރާތްތަކާ މެދު އަމަލުކުރުމަށް ގޮވާލާފައެވެ.

އެޕާޓީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރެކޯޑް އަދަދަކަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވިފައިވާނެ ކަމަށާއި އަދި މީގެ އިތުރުންވެސް ރާއްޖޭގައި މަސައްކަތްތެރިން އުފެއްދުމަށް ވެސް ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވި ކަމަށެވެ.

Advertisement

ކޮމެންޓް