Advertisement

ތާރީހު ބަދަލުވެއްޖެ، މެސީގެ ޖާދުލުން ލިވަޕޫލް ބަލިކޮށްފި

02 May 2019 | 06:21

ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލްއައި ދެކޮޅަށް ބާސެލޯނާ އެޓީމުގެ ދަނޑުގައި ކުޅުނު މެޗް ކާމިޔާބުކޮށް ތާރީހު ބަދަލު ކޮށްލައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި މީގެ ކުރިން މި ދެޓީމް ބައްދަލުކުރި އެއްވެސް މެޗަކުން ލިވަޕޫލް ބަލިވެފައެއް ނުވެއެވެ. މީގެ އިތުރުން ލިވަޕޫލްއަކީ އިނގިރޭސި ކްލަބްތަކުގެ ތެރެއިން ބާސެލޯނާގެ ދަނޑުގައި އެޓީމުގެ މައްޗަށް ކުރި ހޯދާފައިވާ ހަމައެކަނި ޓީމުވެސް މެއެވެ.

ސްކޯ ޝީޓުން މާބޮޑު ތަފާތެއް ނުފެންނާނެ ކަމަށް ގިނަބަޔަކު ލަފާކުރި ރޭގެ މެޗް ބާސެލޯނާ ކާމިޔާބުކުރީ 3-0 ކުންނެވެ. މެޗު ފަށައިގެން ގިނައިރުތަކެއް ނުވެ ދެ ޓީމުގެ ފަރާތުންވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރި މި މެޗުގައި ބާސެލޯނާއަށް ފުރަތަމަ ގޯލް ޖަހައިދިނީ ކުރިން ލިވަޕޫލްއަށް ކުޅުނު ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒް މި ގޯލް ކާމިޔާބުކުރީ ޖޯޑީ އަލްބާ ތިރިން ނެގައިދިން ރީތި ހުރަހަކުން މެޗުގެ 26 ވަނަ މިނެޓުގައެވެ.

ފުރަތަމަ ހާފް 1-0 ކުން ބާސެލޯނާ ކުރީގައިއޮވެ ނިމުނުއިރު ދެޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެއްކަން ފާހަގަ ކޮށްލެވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނީއްސުރެ ބާސެލޯނާގެ ދެވަނަ ގޯލް ކާމިޔާބު ކުރެވުމައި ހަމައަށް ލިވަޕޫލްވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. އެގޮތުން މާނޭ އަދި މިލްނާއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ލިވަޕޫލް އިތުރަށް މާޔޫސްކޮށްލީ 75 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ގޯލުންނެވެ. މެސީ މި ގޯލް ކާމިޔާބުކުރީ ސުއަރޭޒް ގޯލައި އަމާޒުކޮށް ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ދަނޑީގަ ޖެހިފަ ބައުންސްވެގެން ކުޅުމުގެ ތެރެއަށް އައިވަގުތު ހުސްކޮށް ހުރެފައެވެ.

ދެވަނަ ހާފް އެއްކޮށްހެން ޑޮމިނޭޓްކުރި ލިވަޕޫލްގެ މައްޗަށް ދެވަނަ ގޯލް ކާމިޔާބުކުރެވުމާއެކު ބާސެލޯނާވަނީ އިތުރު ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ގޯލަކީ ލިބުނު ހިލޭ ޖެހުމަކުން ވަރަށް ރީއްޗަށް ގޯލުތެރެއަށް ބޯޅަ ވައްދާލައިގެން މެސީ ޖެހި ގޯލެކެވެ. މިއީ މެސީ ބާސެލޯނާއަށް ކާމިޔާބު ކޮށްދިން 600 ވަނަ ގޯލެވެ. އޭގެ އިތުރުން މި ގޯލާއެކު އިނގިރޭސި ޓީމްތަކައި ދެކޮޅަށް މެސީ ކުޅުނު 33 މެޗުގައި އޭނާ ޖެހި ގޯލުގެ އަދަދުވަނީ 26 އަށް އަރާފައެވެ.

މެޗުގެ ފަހު ވަގުތުކޮޅު 3-0 ކުން ފަހަތުގައި އޮވެ ކުޅެމުން ދިޔަ ލިވަޕޫލްއަށްވަނީ ގޯލް ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ. ފިރްމީނޯ ފޮނުވާލި ހަމަލާ ބާސެލޯނާގެ ކީޕަރު ފަހަނައަޅައި ދިޔައިރު އެޓީމުގެ ކުޅުންތެރިންވަނީ އެބޯޅަ ގޯލުތެރެއަށް ވަނަނުދީ ހިފަހައްޓާލާފައެވެ. ހަމަ އެ ދަނޑިވަޅުގައި ލިވަޕޫލްގެ ތަރި ސަލާހް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ މި މެޗުގައި ދެއްކި ކުޅުމަށްވުރެ މޮޅު ކުޅުމެއް ލިވަޕޫލްއަށް ދެއްކިދާނެ ކަމެއް ނޭނގޭކަމަށައި މި މެޗަކީ މިދިޔަ ސީޒަން އަދި މި ސީޒަނުގެ ޗެންޕިއަންސް ލީގުގައިވެސް ރަށުން ބޭރުގައި ލިވަޕޫލްގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ދިޔަ މެޗު ކަމަށެވެ. ދެވަނަ ލެގުގެ މެޗުގައި އަދިވެސް އުންމީދު އޮތްކަމަށްވެސް ކްލޮޕްވަނީ ފާހަގަކޮށްފައެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަނަ ލުގުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހުގެ ރާއްޖެ ގަޑިން ރޭގަނޑު 12:00 ގައެވެ.

Advertisement

ކޮމެންޓް