އުރީދޫ މަސްރޭސް އެއްވަނަ އިނާމް ހަވާލު ނުކުރާ މައްސަލަ ފުލުހަށް!

02 May 2019 | 16:42

ނިމިދިޔަ 2018 ވަނައަހަރު އުރީދޫން މަސްރޭސް މުބާރާތުގެ ޗެންޕިއަން ޓީމަށް އިނާމު ހަވާލުނުކުރާ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާކަމަށް މިދިޔަ އަހަރުގެ ޗެންޕިއަންޓީމުން ހާމަކޮށްފިއެވެ.

އެޓީމްގެ ފަރާތުން "ވޮއިސް"އަށް މައުލޫމާތު ދެމުން މާޒިން ބުނެފައިވާގޮތުގައި ނިމިދިޔަ މުބާރާތުގެ އެއްވަނަ އަށް ދިޔަ ޓީމަށް އިނާމެއްގެ ގޮތުގައި ދޭންޖެހޭ 175،000ރ ގެ އަގުހުރި ޑިންގީ ވަނީ ހަވާލުނުކޮށެވެ. އަދި ފައިސާގެ އިނާމް ވެސް ލިބިފައިވަނީ އެތައް ފަހަރަކުން ބައްދަލުކުރުމަށް ފަހު 11 މަސް ފަހުން ކަމަށެވެ.

"މިމައްސަލަ ސޯޝަލް މީޑިއާގައި ދެކެވެން ފެށުމުން އުރީދޫން ވަނީ އަޅުގަނޑުމެނާ ބައްދަލުކޮށްފައި. އުރީދޫން ބުނަނީ ޑިންގީއަކީ އެބޭފުޅުން ދޭންޖެހޭ އެއްޗެއް ނޫންކަމަށް. އެއީ ސްޕޮންސަރުންގެ ފަރާތުން ދޭންޖެހޭ އެއްޗެއްކަމަށް. އުރީދޫން ވަނީ އެއްވަނަ އިނާމް ދިނުމަށް ދެކޮޅު ހަދާފައި. އޭގެ ބަދަލުގައި ފައިސާ ދޭންވެސް އެއްބަހެއް ނުވޭ. ދެން ބުނި 48 ގަޑި އިރު ފަހުން އެކަމާ އިތުރަށް ވާހަކަ ދެއްކުމަށް ބައްދަލުކުރުމަށް. ނަމަވެސް އޭގެފަހުން އެއްވެސް ހަބަރެއް ނުވޭ އުރީދޫއަކުން." މާޒިން ކިޔައިދިނެވެ.

މިކަމާގުޅިގެން އުރީދޫގެ ޕަބްލިކް ރިލޭޝަން ނޫރާ އާއި ސުވާލު ކުރުމުން ވިދާޅުވެފައިވަނީ އެއްވަނައަށް ދިޔަ ޓީމާ ދަނީ ވާހަކަ ދައްކަމުން ކަމަށާއި ބަލަނީ ވީ އެންމެ އަވަހަށް އިނާމް ހަވާލުކުރެވޭތޯކަމަށެވެ. އަދި މިވަގުތު އިތުރަށް މިކަމަށް ކޮމެންޓް ކުރައްވަން ބޭނުންފުޅު ނުވާކަމަށް ނޫރާ ވިދާޅުވިއެވެ.

މިމައްސަލާގައި އުރީދޫ މަސްރޭސް ބޮއިކޮޓް ކުރުމަށް އަންނަނީ ބައެއްފަރާތްތަކުން ގޮވާލަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

އުރީދޫ މަސްރޭސް ޗެމްޕިއަންޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 175،000 ރުފިޔާގެ އަގުހުރި ޑިންގީއެކެވެ.

އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު މިއަހަރުގެ މުބާރާތުގައި ހަތަރު އަންހެންޓީމު ހިމެނޭހެން ޖުމްލަ 16 ޓީމު ވާދަކުރާނެއެވެ.

އުރީދޫ މަސްރޭހުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، އެންމެ ގިނަ މަސްބާނާ "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި ރަންކޯރި ދޭނެއެވެ. އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އަންހެން ކެޔޮޅުގެ މަގާމަށް ހޮވޭ ފަރާތްތަކަށްވެސް 5000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމައިފައެވެ. އުރީދޫ އިން ބުނީ މީގެ އިތުރުންވެސް މަސްރޭހުގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މަސްވެރިންނަށާއި ޓީމުތަކަށް ހާއްސަ އިނާމުތައް ދޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއްވައެވެ. 

Advertisement

ކޮމެންޓް

Advertisement