މޮޅަކާއެކު އާސެނަލް ފައިނަލާ ގާތަށް

03 May 2019 | 08:41

ޔުއޭފާ ޔޫރޯޕާ ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް ސްޕެއިންގެ ވެލެންސިއާއައި ދެކޮޅަށް ކުޅުނު މެޗް 3-1 ކުން ކާމިޔާބުކޮށް ހަމަޖެހިލައިފިއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ވެލެންސިއާއެވެ. މި ގޯލް މެޗުގެ 11 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޑިއަކްބީއެވެ.

މެޗުގެ ކުރީކޮޅު އާސެނަލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 18 ވަނަ މިނެޓުގައި އޮބާމެޔާންގެ ދިން ޕާހަކުން ވަރަށް ހުސްކޮށް ހުރި ލަކަޒެޓްއެވެ. އާސެނަލްގެ ދެވަނަ ގޯލުވެސް ޖަހައިދިނީ ލަކަޒެޓްއެވެ. 25 ވަނަ މިނެޓުގައި ފެނުނު މި ގޯލާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ކުން އާސެނަލް ކުރީގަ އޮވެގެންނެވެ.

ފުރަތަމަ ހާފައި ހިލާފަށް އާސެނަލްވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެކިފަހަރު މަތިން ވެލެންސިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އާސެނަލް ކުރި ހޯދި ހިސާބުން ވެލެންސިއާގެ ފަރާތުން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

އާސެނަލްގެ ތިންވަނަ ގޯލަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އޮބާމެޔާންގް ކާމިޔާބުކޮށްދިން ގޯލެކެވެ.

މެޗައި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އެމެރީ ބުނީ ބޭނުންވީ ފުރަތަމަ ލެގުން މޮޅުވާން ކަމަށައި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުނު ކަމަށެވެ.  

Advertisement

ކޮމެންޓް

Advertisement