އޯގާތެރިކަމާއި ދީލަތިކަން އިސްކުރުމަށް ރައީސް ސޯލިހު ވިޔަފާރިވެރިންނަށް ގޮވާލައްވައިފި

06 May 2019 | 05:41

ކުރިއަށް މިއޮތް ރަމަޟާން މަހުގައި އޯގާތެރިކަމާއި ދީލަތިކަން އިސްކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަމަޟާންމަހުގެ މުނާސަބަތާއި ގުޅުވައިގެން ދެއްވި ޚާއްސަ ޚިތާބެއްގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ޘަވާބަށް ވިސްނައިގެން، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރީންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރަމަޟާން މަހަކީ، ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވައި، ޞަދަޤާތް ދިނުން އިތުރުކުރުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ

ރަމަޟާން މަހާ ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާޢީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމަޢުގެ ރީތި ހަމަތަކާއި އަދަބުތަކަށް ޙުރުމަތްތެރިކޮށްހިތައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫޙު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭނެ ކަމަށެވެ.

Advertisement

ކޮމެންޓް