''އެންމެ ވާދަވެރި ލީގަކީ އިނގިރޭސި ޕްރިމިއާ ލީގް''

06 May 2019 | 17:40

ދުނިޔޭގަ އޮތް އެންމެ ވާދަވެރި ލީގަކީ އިނގިރޭސި ޕްރިމިއާ ލީގު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސްޕެއިންގެ ބާސެލޯނާ އަދި ޖަރުމަނުގެ ބަޔާން މިއުނިކްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގާޑިއޯލާ ބުނިގޮތުގައި އިދިކޮޅުން ވާދަކުރަން އޮތް ކްލަބްތަކަށް ބަލާއިރު ޕްރިމިއާ ލީގަކީ އެންމެ ވަރުގަދަ ލީގު ކަމަށައި އެ ސަބަބާހުރެ ލީގު ތާވަލުގެ އެއްވަނައިގަ އޮންނަން ފުރުސަތު ލިބުން އެއީ އަބަދުވެސް ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމުގައެވެ.

މި ހިނގާ ސީޒަނުގެ އިނގިރޭސި ލީގަށް ވާދަކުރަމުންދާ ސީޓީ އަދި ލިވަޕޫލްވަނީ އިނގިރޭސި ފުޓްބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑް 38 ސީޒަނުގައި ޕޮއިންޓް ނުހޯދޭ ވަރަށް ޕޮއިންޓް ހަމަކޮށްފައެވެ.

މިސީޒަނުގެ މިހާތަނަށް ލީގުގައި ކުޅެވުނު މެޗުތަކުން ސިޓީވަނީ 36 މެޗުން 92 ޕޮއިންޓާ ހޯދާފައެވެ. އަދި ލިވަޕޫލްވަނީ 37 މެޗުން 94 ޕޮއިންޓް ހަމަކޮށްފައެވެ.

މިދިޔަ ސީޒަނުގައި 100 ޕޮއިންޓާއެކު ސިޓީ ލީގް ކާމިޔާބުކުރި އިރު މީގެ ކުރިން ލިވަޕޫލްއަށް އެންމެ ގިނައިން ލީގުގައި ޕޮއިންޓް ހޯދިފައިވަނީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ލިވަޕޫލް ލީގް ނިންމާލީ މުޅިއަކު 86 ޕޮއިންޓް ހޯދައިގެންނެވެ.

ލީގް ކާމިޔާބު ކުރެވޭނީ އެންމެ ޓީމަކަށް ކަމަށައި އަނެއް ޓީމް ހިތާމަޔާއެކު ދާން ޖެހޭނީ ގެޔަށް ކަމަށްވެސް ގާޑިއޯލާވަނީ ބުނެފައެވެ.

ކޯޗިން ކެރިއަރުގައި އޭނާގެ ޓީމަކައި ދެކޮޅަށް ހައިރާން ކޮށްލާވަރުގެ ކުޅުމެއް ދެއްކިފައިވަނީ އެންމެ ދެޓީމަކަށް ކަމަށައި އެއީ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅުނު ބާސެލޯނާ އަދި މި ސީޒަނުގައި ސިޓީއައި ލީގަށް ވާދަކުރާ ލިވަޕޫލް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ލެސްޓާއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުން ސިޓީއަށް 3 ޕޮއިންޓް ހާސިލް ނުކުރެވިޖެއްނަމަ 29 އަހަރުތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލްއަށް ލީގް ކާމިޔާބު ކުރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.  

Advertisement

ކޮމެންޓް

Advertisement