ލީގް ކާމިޔާބު ކުރުމައި ގާތަށް ސިޓީ ޖެހިލައިފި

07 May 2019 | 06:18

އިނގިރޭސި ލީގް ކާމިޔާބު ކުރުމައި ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ. ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 1-0 ގެ ހަނި ނަތީޖާއަކުން މޮޅުވި ސިޓީއަށް 37 މެޗުން 95 ޕޮއިންޓް ލިބިފައިވާއިރު އެޓީމައި ލީގަށް ވާދަކުރާ ލިވަޕޫލްއަށް ލިބިފައިވަނީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 94 ޕޮއިންޓެވެ.

ހުރިހާ ޓީމަކަށްވެސް ލީގުގައި ކުރިއަށް އެންމެ މެޗެއް ބާކީ އޮތް އިރު ސިޓީ ކުޅުމަށް ހަމަޖެހިފައިވާ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ލީގް ކަށަވަރުވާނެއެވެ.

ރޭގެ މެޗުގައި ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައިރު މުޅި މެޗް ޑޮމިނޭޓް ކޮށްފައިވަނީވެސް ސިޓީކަން ފާހަގަކޮށްލެވެއެވެ.

ސިޓީގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ 70 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީއެވެ. ކޮމްޕެނީ މި ގޯލް ކާމިޔާބު ކުރީ ކީޕަރު އޭރިއާ ބޭރުން ފޮނުވާލި ބާރު އަދި ރީތި ޝޮޓަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ކެޕްޓަން ކޮމްޕެނީއެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލުގެ އިތުރުން އޭނާވަނީ ސިޓީގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

''ބާކީ އޮތީ އެންމެ މެޗެއް، މި މެޗެކޭ އެއްފަދައިން އެ މެޗުވެސް ވަރަށް އުނދަގޫވާނެ. އެހެންނަމަވެސް ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮތީ އަހަރުމެން އަތުގައި'' މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުންޏެވެ.

ބްރައިޓަންއައި ދެކޮޅަށް ސިޓީ ކުޅުމަށް ހަމަޖެހިފައިވާ ލީގުގެ ފަހު މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. 

Advertisement

ކޮމެންޓް