ނަބީގެ ލަޝަސް ލޭޔާރޒް: ތަފާތު ޒުވާން ހުނަރުވެރިއެއްގެ ވާހަކަ!

17 Nov 2020 | 08:06

ކޭކާއި ތަފާާތު ބާވަތްތަކުގެ ފޮނިކާއެއްޗިއްސަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ހިތްެއުފާކޮށްދޭ އެންމެ ބޮޑު އެއް ވަސީލަތެވެ. މިކަމުގައި އަޅުގަނޑުމެން ދިވެހިންވެސް އިސްތިސްނާ ނުވާއިރު، ދިވެހިރާއްޖޭގައި ކޭކުއެޅުމުގެ ފަންނުގެ ހުނަރުވެރިން ވަރަށް ގިނައެވެ. އޭގެ ތެރޭގައި ގިނައީ ޒުވާން އަންހެނުންކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެެހެއެވެ.

މިއަދު މި ގެނެސްދެނީ އެފަދަ ފަރާތެއްގެ ވާހަކައެވެ. ރަމަޟާން މަހާއި ދިމާކޮށް ވޮއިސްއިން ގެނެސްދޭ ޒުވާން ވިޔަފާރިވެރިންގެ ޕްރޮފައިލްތަކުގެ ދަށުން މިފަހަރު މި ގެނެސްދެނީ ކޭކާއި ފޮނިކާތަކެތީގެ ދުނިޔޭގައި ފިޔަޖަހަމުންދާ ޒުވާން ތަރިއެއްގެ ވާހަކައެވެ. ނަބީލާ ޝިޔާމް ނުވަތަ މަޝްހޫރު ނަމުންނަަމަ ނަބީ އަކީ އޭނާގެ ހުނަރުވެރިކަމާއި އެކު ގިނަބަޔެއްގެ މެދުގައި މަގުބޫލު ފަރާތެކެވެ.

ލަޝަސް ލޭޔާރޒްގެ ނަމުގައި ފޭސްބުކާއި އިންސްޓަގްރާމްގައި ހަރަކާތްތެރިވަމުންދާ ނަބީއަށް ފޮނިކާތަކެތީގެ ދުނިޔެއަށް ވަދެވުނީ ދަތުރުކުރުމަށް ހުންނަ ލޯތްބެއްގެ ތެރެއިންނެވެ. ކުރިން އަދާކުރި ވަޒީފާގެ ގޮތުން ދަތުރުކުރުމުގެ ފުރުސަތު ނުލިބި ހުއްޓާ، މަންމަ ބުނެގެން މާލެއިން ކޭކު ކޯހެއް ހަދާލީއެވެ. ނަސީބުގެ ތަރިތައް އައިސް ނަބީގެ އަތުގައި ހިފިކަހަލައެވެ. މިއަދު އޭނާއަކީ ފުލްޓައިމް ބޭކަރއެކެވެ.

މި ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނަބީ ވޮއިސްއާއި ވާހަކަދައްކަމުން ބުނީ އޭނާއަކީ އަބަދުވެސް ކްރިއޭޓިވް ކަންކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތެއް ކަމަށެވެ. އާންމުގޮތެއްގައި ހުރިހާ ވައްތަރެއްގެ ކޭކުވެސް އަޅާ ނަބީ އަކީ ކޭކު އެޅުމުގެ އިތުރުން ޕާޓީ ޑެކަރޭޝަނާއި ޑެޒާޓް ޓޭބަލް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރާ ހުނަރުވެރި ޒުވާން ވިޔަފާރިވެރިއެކެވެ.

ނަބީ ބުނިގޮތުގައި މި ދާއިރާގައި އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ބުރަ މަސައްކަަތަކީ ހުޅުމާލެ ޣާޒީ ސްކޫލްގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެ ޕައުންޑްގެ 112ކޭކު އެޅުމެވެ. 28ގަޑިއިރުގެ މި މަސައްކަތަކީ އޭނާ ވަރަށް ހިތްހަަމަޖެހޭ މަސައްކަތެއްގެ ގޮތުގައި ނަބީ ފާހަގަކުރިއެވެ.

އެހެނިހެން ޒުވާން ވިޔަފާރިވެެރިން ފަދައިން ނަބީވެސް އޭނާގެ ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވެއެވެ. އެގޮތުން ހުުޅުމާލޭގައި އޭނާގެ ކޭކުތައް ވިއްކާނެ ފިހާރައެއް ހުުޅުވުމަކީ ނަބީގެ އަމާޒެކެވެ. ނަމަވެސް މިކަން ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވަޒީފާގައި ނޫޅޭތީ ވިޔަފާރި ފުޅާކުރަން ލޯނެއް ނެގުމަށް ދަތިކަމަށް އޭނާ ވަނީ ބުނެފައެވެ. މިއީ ގިނަ ޒުވާން ވިޔަފާރިވެރިންގެ ބޮޑު ޝަކުވާއެކެވެ.

މި އިންޓަރވިއު ނިންމާލަމުން ނަބީ ވަނީ އޭނާގެ މަންމައާއި ފިރިމީހާއަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޭކުއެޅުމުގެ ދާއިރާާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަމިއްލަވަންތަ ގޮތްތައް ގެންގުޅުމަށް އޭނާ ވަނީ އެދިފައެވެ.

ވޮއިސްގެ ޓީމްގެ ފަރާތުން ނަބީއަށް އުފާވެރި ފާގަތި ދުވަސްތަކަކަށް އެދެމެވެ.

Advertisement

ކޮމެންޓް