ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން-2

12 May 2019 | 09:33

ސެކިޔުލަރިޒަމްގެ ދެބައި:

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު

ސެކިޔުލަރިޒަމް ނުވަތަ ޢިލްމާނިއްޔަތު 2 ބަޔަކަށް ބެހެއެވެ. މިދެބަޔަކީވެސް އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެގެންވާ ދެބައެވެ.

ފުރަތަމައީ: އިލްޙާދުގެ ބައެވެ. މިފިކުރުގެ ބިނާވެފައިވަނީ ކަލަކުވޮޑިގެންވާކަމަށް އިންކާރުކުރުމުގެ ނުބައި ޢަޤީދާގެ މައްޗަށެވެ. އެހެންކަމުން މިފިކުރުގެ އަހުލުވެރިންގެ މައިގަނޑު މަސައްކަތަކީ އިލާހީ ޛާތުފުޅަށް އެއްޗެހި ގޮވުމެވެ. ރަސޫލުންނާއި ނަބިއްޔުންނާއި އެބޭކަލުން ގެންނެވި ޝަރީޢަތުގެ ޙުކުމްފުޅުތަކަށް ޖޯކުޖެހުމެވެ. އަދި ﷲ އަށް އީމާންވުމުގެ ޢަޤީދާއިން މީސްތަކުން ދުރުކުރުމަށްޓަކައި، އީމާންކަން ބަލިކަށި ޖާހިލުންގެ ހިތްތަކަށް ޝައްކުތަކާއި ޝުބުހާތު ވެއްދުމެވެ. އެއީ މާތް ﷲ މިނުބައި މީހުންގެ އިމްތިޙާނުގެ ވަގުތު ހަމަވަންދެން، ދެއްވާފައިވާ މުހުލަތު ނާޖާއިޒްގޮތުގައި ބޭނުން ކޮށްގެންނެވެ. އެމީހުން ކުރާ ކޮންމެ ކަމަކަށް ވަގުތުން އަޒާބު ނުދެއްވާތީ އަޒާބު ދެއްވާނެ ކަލަކުވޮޑިގެން ނުވާކަމަށް ޤަބޫލުކޮށްގެނެއެވެ. ﷲ އިރާދަކުރެއްވީ އެމީހުންގެ ނުބައިކަމުގެ އަޒާބު ބޮޑުކުރެއްވުންކަމެއް މިވެރިން ނުދަނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {وَلَا يَحْزُنْكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ إِنَّهُمْ لَنْ يَضُرُّوا اللَّهَ شَيْئًا يُرِيدُ اللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِي الْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ} (އާލު ޢިމްރާން 176) މާނައީ" كافرވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، އެއްވެސްކަމަކުން އެއުރެންނަކަށް اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އިރާދަކުރައްވަނީ، އެއުރެންނަށް آخرةގައި އެއްވެސް نصيبއެއް ނުލެއްވުމަށެވެ. އަދި، އެއުރެންނަށް ބޮޑުވެގެންވާ عذابހުށްޓެވެ."

މި އާޔަތުގައި މާތް ﷲ އަންގަވާފައި އެވަނީ އެމީހުންގެ ބަދުބަސްތަކުން ﷲ އަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމެވެ. އެހެނެއްކަމަކު އޭގެ ގެއްލުން ފޯރާނީ ހަމައެބައިމީހުންނަށް ކަމެވެ. ޖެހިގެން އޮތް އާޔަތުގައި ވަޙީކުރެއްވިއެވެ. {إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَنْ يَضُرُّوا اللَّهَ شَيْئًا وَلَهُمْ عَذَابٌ أَلِيمٌ} (177) މާނައީ" ހަމަކަށަވަރުން، إيمانކަމުގެ ބަދަލުގައި كافرކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ."

ﷲ އަށް ކާފިރުވެގެންވާ ޙާލުގައިވެސް އެބައިމީހުންނަށް މާތް ﷲ ދުނިޔޭގައި ދެއްވާފައިވާ ނިޠުމަތްތައް އެއީ ފަހަރެއްގައިވެސް އެބަމީހުންނަށްހުރި ހެވެއް ނޫންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. {وَلَا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِأَنْفُسِهِمْ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْمًا وَلَهُمْ عَذَابٌ مُهِينٌ (178) މާނައީ" ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ نفسތަކަށް ހެޔޮގޮތެއްކަމަށް كافرވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި عذابހުށްޓެވެ."

ކަލަކުވޮޑިގެންވާކަމަށް އިންކާރު ކުރާމީހުންގެ ޙަޤީޤަތް މުސްލިމުންނަށް ދެނެގަންނަން ވަރަށް ފަސޭހައެވެ. އެމީހުންނަކީ އިސްލާމްދީނާއި މުސްލިމުންގެ ޢަދުއްވުންކަން ކޮންމެ މުސްލިމަކަށްވެސް އެނގެއެވެ. އެހެނަސް އެމީހުންގެ ނުރައްކާތެރިކަން އިސްލާމް ދީނާއި މުސްލިމުންނަށް ވަރަށް ބޮޑެވެ. އެހެނީ އެމީހުންނަކީ އަތުޖެހުނު ހުރިހާ ވަސީލަތަކުން އިސްލާމްދީނާއި މުސްލިމުންނާ ހަނގުރާމުރަމުންދާ ބައެކެވެ. މިގޮތުން އިސްލާމް ދީނަށް ބަދުބަސް ބުނުމާއި، މުސްލިމުންނަށް އެކިގޮތްގޮތުން އަނިޔާކޮށް އަދަބުދިނުމާއި ޖަލުގައި ހައްޔަރު ކުރުމާއި ކަތިލައި މެރުންފަދަކަންކަމަކީ މިވެރިންގެ މަސައްކަތެވެ. އެއީ މުސްލިމުން އެބައިމީހުންގެ ދީނުން ފުރެއްދުމަށްޓަކައެވެ. އަދި އެމީހުންފަދައިން މަގުފުރެދިފައިވާ ބަޔަކަށް ހެދުމަށްޓަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا..}( البقرة:217) މާނައީ" އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ دينން ތިޔަބައިމީހުން ބޭރުކޮށް كافرކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ." 

(ނުނިމޭ)


Advertisement

ކޮމެންޓް