އައްޑޫ ސިޓީ ސްކެއާގައި ބޮޑު ދިދަ ޖެހުމަށް ގިނަރުއްތަކެއް ކަނޑާލައިފި!

14 May 2019 | 06:25

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ އައްޑޫގައި ކުރުމަށް ކަނޑައެޅި ހަމައެކަނި ކަންތައް ކަމަށްވާ ސިޓީ ސްކެއާ ތަރައްޤީ ކުރުމަށް ކަމަށް ބުނެ އެތަނުގައި ހުރި ހުރިހާ ރުކެއް އައްޑޫ ސިޓީ ކައުންސިލުން ކަނޑާލައިފިއެވެ.

ހިތަދޫގައި ހަދާ ސިޓީ ސްކެއާ ތަރައްގީ ކުރާ ޕްރޮގްރާމްގައި މި ސަރަހައްދަކީ ދިދަ ދަނޑި ޖެހުމާއި ބެންޗުތަކާއި، ހެމޮކް ސްވިންގާއި ހެމޮކް ބެޑް ފަދަ ތަކެތި ބެހެއްޓުމަށް ހަމަ ޖެހިފައިވާ ސަރަހައްދެވެ.

މިމައްސަލާގައި އައްޑޫ ސިޓީގެ ގިނަ ބަޔަކު އަންނަނީ ކައުންސިލަށް ނުރުހުން ފާޅުކުރަމުންނެވެ.

އޭގެ ރައްދުގައި ސިޓީ ކައުންސިލް ފޭސްބުކް ޕޭޖްގައި ވަނީ ސިޓީ ސްކުއާ ތަރައްޤީ ކުރާ ޕްލޭންގެ ފޮޓޯ އާއި އެ ސަރަހައްދު ތަރައްޤީކުރެވޭ ގޮތުގެ ތަފްސީލް އަރުވާފައެވެ. އެގޮތުން އެތަނުގައި ހުރި ރުއް ގަސް ނަގާފައިވަނީ އީޕީއޭގެ ހުއްދަ އާއި އެކު ކަމަށާއި، ސިޓީ ސްކުއާ ނިމޭއިރު އެތަނުގައި ހިޔާދޭ ގަސް އިންދައި ލޭންޑުސްކޭޕިން ހެދޭނެކަމަށް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޯސްޓުގައި ވެއެވެ.


ފާޑުކިޔާ ގިނަ ފަރާތްތަކުން އަންނަނީ މި ސަރަހައްދު ރުއްގަސް ނުނަގައިވެސް ތަރައްޤީކުރެވޭނެކަމަށް ބުނަމުންނެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ވެސް މިފަދައިން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ތަރައްޤީގެ މައްޢޫތައް ހިންގުމުން ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އައްޑޫ ސިޓީގެ މެޖޯރިޓީ އޮންނަ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަކީވެސް ތިމާވެށި ހިމާޔަތްކުރުމާއެކު ތަރައްޤީގެ މަސައްކަތް ކުރުމަށް ވަކާލާތުކުރަމުންއަންނަ ޕާޓީއެކެވެ.

ސިޓީ ސްކްއާ ތަރައްޤީ ކުރުމަށް ސަރުކާރުން 3.2 މިލިއަން ރުފިޔާ ވަނީ އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.

Advertisement

ކޮމެންޓް