ހުޅުމާލޭ ރަށު މާރުކޭޓްގެ ވިޔަފާރި އަންނަ މަހުގައި ފަށާނެ

14 May 2019 | 13:08

ހުުޅުމާލޭގައި ގާއިމްކޮށްފައިވާ ރަށު މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތައް އަންނަ މަހުގައި ފެށޭނެކަމަށް އެޗްޑީސީން ބުނެފިއެވެ.

އެކުންފުނިން ބުނީ ގޮޅިތަކުގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާނެކަމަށެވެ.

ރަށު މާރުކޭޓުން ގޮޅިތައް ދޫކޮށްފައިވަނީ އަމިއްލަ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ އާއި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީން، ގުރުއަތުން ހޮވުނު ފަރާތްތަކަށެވެ.

މީގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތަކީ އުމުރުން 18 އަހަރު ފުރިފައިވުމެވެ. އަދި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީގެ ޝަރުތަކީ ވިޔަފާރި ކުރާތާ ހަ މަސް ދުވަސް ވެފައިވުމެވެ.

އެޗްޑީސީިން މައުލޫމާތު ދޭގޮތުގައި ރަށު މާރުކޭޓުން ގޮޅި ހޯދުމަށް 871 ފަރާތަކުން ފޯމު ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން ގޮޅިތައް ދޫކޮށްފައިވަނީ، ގުރުއަތުން ހޮވުުނު ފަރާތަކަށެވެ.

ރަށު މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް ހާއްސަ 37 ގޮޅިއަކާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅިއެކެވެ. މި ގޮޅިތަކުގައި ބޮޑުމިނަކީ 80 އަކަ ފޫޓެވެ.

Advertisement

ކޮމެންޓް