Advertisement

މާލޭ ސިޓީކައުންސިލްއެވެ. މިހާރުވެސް މާލޭ މަގުމައްޗަށް ކުޅުޖެހުމަކީ މަނާކަމެއް!

17 May 2019 | 22:00

ދާދިފަހުން މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއް ކަމުގައި ނިންމުމާއި އެކު، ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ރަނގަޅު ނިންމުމެއް ކަމުގައި ވިޔަސް، މިއީ ތަންފީޒުނުކުރެވޭނެ ނިންމުމެކެވެ. އެއީ މިހާރުވެސް، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމުގައިވިޔަސް އެކަން ކުރާތީއެވެ. 500ރުފިޔާގެ ޖޫރިމަނާ އޮތަސް އެ ޖޫރިމަނާ ވީ ފަރާތެއްގެ ވާހަކަ އެނގިފައި ނުވުމެވެ.

މިކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް، ސޯޝަލް މީޑިޔާގައި މިވަނީ ސިޓީ ކައުންސިލަށް ހުށައެޅުނު އެެހެން ކަމެއް މިވަނީ ފެންމަތިވެފައެވެ.

މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރުގެ ހުށައެޅުމެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުމައްޗަށް އާންމުކޮށް މާލޭގައި ދިރިއުޅޭ ބިދޭސީން، ޚާއްސަކޮށް ގިނަ އަދަދަކަށް ބަންގްލަދޭޝްގެ މީހުން ކުޅު ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އުފެދެމުންދާ ބަލިމަޑުކަންކަމަށް ހައްލެއް ގެނައުމަށާއި، މާލެ ސިޓީގެ މަގުތަކަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ މަގުތަކަށް ކުޅު ޖެހުމަކީ މަނާ ކަމެއް ކަމަށް ނިންމުމަށް ހުށަހަޅާކަމަށެވެ.

ތެދެކެވެ. ކުޅުޖެހުމަކީ އޭގެ ސަބަބުން އެތަކެއް ބަލިމަޑުކަމެއް ފެތުރޭ ކަމެކެވެ. މުޖުތަމައުގެ އާންމު ސިއްހަތަށްޓަކައި މަނާކުރަން ޖެހިފައިވާ ކަމެކެވެ. އެހެނަސް މިއީ މާކުރިންސުރެ ރާއްޖޭގައި ގާނޫނު ހެދިގެން މަނާކުރެވިފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. 2010 ވަނަ އަހަރު ފާސްކުރެވުނު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަގުމައްޗަށް ކުޅުޖަހައި ހެދުމަކީ މަނާކަމެކެވެ.

އެ ގާނޫނުގެ 13ވަނަ މާއްދާގައި ބުނެފައިވަނީ މީހަކު، މަގުމަތި ހަޑިވާގޮތަށް ތިރީގައިމިވާ ފަދަ އަމަލެއް ކޮށްފިނަމަ، އެމީހަކާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެކަމަށެވެ. އޭގެ ތެރޭގައި މަގުމައްޗަށް ކުޅުޖެހުންވެސް ހިމެނެއެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ހިންގީ ވަކި މީހެއް ނުވަތަ ބަޔަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ ނުވަތަ ކަމާބެހޭ އިދާރާއެއްގެ މުވައްޒަފަކަށް އެފަދަ އަމަލެއް މީހަކު ނުވަތަ ބަޔަކު ހިންގަނިކޮށް ފެނިއްޖެނަމަ، ކަމާބެހޭ އިދާރާތަކުގެ ތެރެއިން ހުއްދަ ލިބިފައިވާ ފަރާތަކުން އެ އަމަލު ހިންގި މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.

އެގޮތުން އެ މާއްދާގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހާގުޅިގެން މީހަކު 500 (ފައްސަތޭކަ) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. ނަމަވެސް މަގުމައްޗަށް ކުޅު ޖަހައިގެން މިހާތަނަށް އެއްވެސް ފަރާތަކު ޖޫރިމަނާ ކުރެވުނުތޯވެސް ސުވާާލު އުފެެދެއެވެ. މި ގާނޫނުގައިވާ ގޮތުންނަމަ ތިމާވެއްޓާއި ގުޅޭ އެންމެހާ ކަންކަމުގެ ގަވާއިދުތައް ތިމާވެއްޓާއި ބެހޭ ވުޒާރާާއިން ހަދަންޖެހެެއެވެ. ނަމަވެސް އެއްވެސް ސަރުކާރެއްގައި އެފަރާތުން މިހާތަނަށް އެ ގަވާއިދު ހެދިފައި ނުވުމަކީ ހިތާމައެކެވެ. އެހެނަސް ސިޓީ ކައުންސިލުން އެކަން މަނާކުރާާއިރު، ގަވާއިދެއްގެ ދަށުން އެކަން މަނާކުރާނެކަމަށް ގިނަބަޔަކު ދަނީ އުންމީދުކުރަމުންނެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަށް ހުށައެޅުނު މައްސަލައާއި މެދު ގިނަބަޔަކު ކުރަމުންދާ އަނެއް ޝަކުވާއަކީ ގަވާއިދުގައި ވަކިން ޚާއްސަކޮށް ބަންގްލަދޭޝް މީހުން ފާހަަގަކޮށްފައިވުމެވެ. ދިވެހިންނަކީ ދުވަހަކުވެސް މަގުމައްޗަށް ކުޅުނުޖަހާ ބައެކޭ އެ މައްސަލައިގައި ބުނެފައިނެތަސް، ވަކިން ނަސްލީގޮތުން ފާހަގަކުރުމަކީ އެފަރާތްތަކުގެ އިންސާނީ ކަރާމާތަށް ގެނެވޭ އުނިކަމެކެވެ. ދިވެހިން ފަދައިން އެމީހުންވެސް ކުޅުޖަހައެވެ. އެމީހުން ފަދައިން ދިވެހިން ޖަހާ ކުުޅުގައިވެސް ޖަރާސީމު ހުރެއެވެ. އެހެންކަމުން ވަކިން ޚާއްސަކޮށް އެ މައްސަލައިގައި ބަންގްލަދޭޝްގެ މީހުން ފާހަގަކުރީ ކީއްވެތޯ ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ.

މަގުމައްޗަށް ކުޅުޖެހުން ދެވަނަ ފަހަރަށް މަނާކުރަނީއެވެ. އެހެނަސް އެކަން ކުރުމުގެ ވިސްނުން އޮތީ އެންމެ ރަނގަޅު މިސްރާބުގައިތޯ ބަލާލަން ޖެހެއެވެ. އެކަން ފުރިހަމައަށް ތަންފީޒުކުރެވޭނެތޯ ވިސްނާލަން ޖެހެއެވެ. މިއީ ކުރުން މަޖުބޫރު ކަމެކެވެ. އެހެނަސް މިއީ ހަގީގަތުގައިވެސް ކުރެވިދާނެ ކަމެއްބާވައެވެ؟

Advertisement

ކޮމެންޓް