Advertisement

ޙައިޟުވެރިން ލައިލަތުލްޤަދްރި ވިލޭރޭ ކުރާނީ ކޮންއަޅުކަމެއް؟

22 May 2019 | 11:10

ލިޔުނީ: އައްޝައިޚް މުޖްތަބާ ޙަމީދު

ރަމަޟާންމަހަކީ އެމަހާއި ގުޅިގެން ތަފާތުގިނަ ކަންތައްތަކެއް މުޖުތަމަޢުން ފެންނަ މަހެކެވެ. އެގޮތުން ތަފާތު ކާނާގެ ސުފުރާތަކާއި ތަފާތު ބާވަތްތަކުގެ ބުއިންތަކުން ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ފިލުވާލަން ފުރުޞަތުލިބޭއިރު ހިތުގައި އުފެދޭ ރޯދައާއިގުޅޭ ތަފާތު އެކިސުވާލުތަކުގެ ޖަވާބު ހޯދުމަށްވެސް ރޯދަމަހު ވަރަށް ފަސޭހައެވެ. އެއީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް އިތުރުވުމާއި އެކަމަށް މީސްތަކުންދޭ ސަމާލުކަން ބޮޑުވެގެންދާތީއެވެ.

ރޯދަމަހާއި ދިމާކޮށް މުޖްތަމަޢުގައި ކުރެވޭ ސުވާލުތަކުގެ ތެރެއިން ތަކުރާރުކޮށް ކުރެވޭ އެއް ސުވާލެއް ކޮންމެ އަަހަރަކުވެސް އޮވެއެވެ. އެއީ ރޯދަހިފުން ޝަރުޢީގޮތުން މަނާވެގެންވާ އަންހެންބޭކަނބަލުން މަތިވެރި ލައިލަތުލްޤަދުރިވިލޭރޭ ރޭއަޅުކަން ކުރާނީ ކިހިނެއްތޯއެވެ؟ މިއީ ވަރަށް މުހިއްމު ސުވާލެކެވެ. ތަކުރާރުކޮށް ކުރެވޭ ސުވާލެކެވެ. މިސުވާލު ތަރުކާރުކޮށް ކުރެވޭ ސަބަބެއްވެސް އޮވެއެވެ. އެއީ ރޭއަޅުކަމޭ ބުނުމުން އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ވިސްނިފައި މިއޮންނަ އޮތުމެވެ. އެއީ ދަމުނަމާދު ކުރުންކަމަށް ހީވާހީވުން މާބޮޑަށް މުޖުތަމަޢުގައި ވަކި ހިއްޕާލާފައިވުމެވެ. ނަމަވެސް އިސްލާމްދީނުގައި އަޅުކަމުގެ ޙަޤީޤީ ފުޅާ މާނައަށް ނަޒަރު ހިންގާލުމުން މިކުރެވޭ "ބޮޑު ސުވާލަކީ" ފިސާރި ފަސޭހަ ޖަވާބެއް ދެވިދާނެ ސުވާލެއްކަން އެނގިހާމަވެއެވެ.

މަތިވެރި ލައިލަތުލްޤަދުރިވިލޭރޭ ހައިޟުވެރިންނާއި ނިފާސްވެރިން ކުރާނީ ކޮން އަޅުކަމެއްތޯއެވެ؟ ޖަވާބަކީ ނަމާދު ފިޔަވައި ރޭގަނޑުކުރެވޭ އެހެން އެންމެހައި އަޅުކަންތައް އެކަނބަލުންނަށްވެސް ކުރެވޭނެއެވެ. އެގޮތުން މިހާހިސާބުން ކުރެވިދާނެ ބައެއް އަޅުކަންތަކަށް އަވަސްނަޒަރެއް ހިންގާލަމާތޯއެވެ:

-ގިނަގިނައިން ﷲއަަށް ޒިކުރުކުރުން: މިގޮތުން سبحان الله والحمد لله والله أكبر ފަދަ ޒިކުރުތައް ކިޔަމުން ދެވިދާނެއެވެ.

-ދުޢާކުރުން: މިއީ އަޅުކަންތަކުގެ ސިކުނޑިއެވެ. އެންމެ މަތިވެރި އަޅުކަމެވެ. އަދި ޚާއްޞަކޮށް ލައިލަތުލްޤަދުރި ވިލޭރޭ ކިޔުމަށް ނަބިއްޔާ-ޞައްލަﷲޢަލައިވަސައްލަމަ- ވަނީ އެކަލޭގެފާނުގެ އަނބިކަނބަލުން ޢައިޝަތުގެފާނަށް އަންނަނިވި ދުޢާ ދަސްކޮށްދެއްވާފައެވެ.اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي.

- ޤުރްއާން ކިޔެވުމާއި އަޑުއެހެން: މިއީވެސް އެކަނބަލުންނަށް ކުރެވިދާނެކަމެކެވެ. މުޞްޙަފުން ނުކިޔަވާ ފޯނުން ޤުރްއާން ކިޔެވިދާނެއެވެ. ނުވަތަ ރީތިކޮށް ކިޔަވާފައިވާ ޤާރީވެރިއެއްގެ ކިޔެވުން އަޑުއަހާލެވިދާނެ އެވެ. ނުވަތަ ޤުރްއާނުގެ މާނައިގެ ތަރުޖަމާއެއްވެސް ކިޔާލެވިދާނެއެވެ.

- ޞަދަޤާތްކުރުން: އެރޭ ﷲގެ މަގުގައި ޞަދަޤާތް ކުރުމަކީވެސް ކުރެވޭނެ މަތިވެރި އަޅުކަމެކެވެ.

- ކާންދިނުން: ހަމަ އެރޭ ގޭގެ މީހުންނަށް ނުވަތަ ރައްޓެހިންނަށް މީރު ތަށިބަރިއެއްވެސް ފޮނުވިދާނެއެވެ. އެއީވެސް އަޅުކަމެކެވެ. އަދި މިގޮތަށް ކާންދޭއިރު ފަޤީރުންނާއި މިސްކީނުންނާއި އަވަށްޓެރިންވެސް ހިމަނާލުމަކީ މޮޅުއިތުރު ވެގެންދާނެ ކަމެކެވެ.

- މީސްތަކުންގެ ޙާއްޖަތްތައް ފުއްދާދިނުން: މިއީވެސް މަތިވެރި އަޅުކަމެކެވެ. އެގޮތުން އެކި ކަންތައްތަކުގައި އެހީތެރިކަން ބޭނުންވެފައި ތިބި މީހުންނަށް އެކަމުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ އެމީހުންނަށް ފަސޭހަކޮށްދިނުމަކީވެސް ލައިލަތުލްޤަދުރިވިލޭރޭ ކުރެވިދާނެކަމެކެވެ. މިސާލަކަށް: ދޮންތަގެ ދަރިންކޮޅު ބަލަން ޙަވާލުވެފައި ދޮންތަ ތަރާވީޙު ނަމާދަށް ފޮނުވުމަކީވެސް މިކަމުގެތެރޭގައި ހިމެނޭ މަތިވެރިކަމެކެވެ.

-އިސްތިޣްފާރު ކުރުން ގިނަކުރުން: މިއީ ލައިލަތުލްޤަދުރިވިލޭރޭ ކޮންމެހެންވެސް ކުރަންވާނެ އަޅުކަމެކެވެ. ޙާއްޞަކޮށް ދަންވަރުގެ ވަގުތުތަކުގައި އާއްމުކޮށް ނަމާދުކުރާ މުސައްލަމަތީ އިނދެގެން أستغفر الله ކިޔަމުން ކުރެވިފައިވާ ފާފަތައް ފުއްސަވާދެއްވާތޯ ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ.

މިފަދަ ކިތަންމެ އަޅުކަމެއް އެރޭ ޢުޒުރުވެރިކަންކުރިމަތިވެފައި ތިއްބެވި އަންހެންކަނބަލުންނަށް ކުރެވިދާނެއެވެ. އަޅުކަމަކީ ﷲ އާއި އެއިލާހުގެ ރަސޫލާ -ޞައްލަﷲޢަލައިވަސައްލަމަ- ރުއްސަވާ ކޮންމެކަމެއް ﷲގެ ވަޖުހުފުޅު އެދިގެން ކުޅައުމެވެ. ވީމާ އެއީ ގުނާ ޢަދަދު ނުކުރޭވޭ ކަމެކެވެ. އޭ ލޮބުވެތި އުޚްތާއެވެ! ލައިލަތުލްޤަދުރިވިލޭރެއަކީ ފަހު ދިހައެއްގެ ރޭތަކުން ރެއެކެވެ. އެރެއަކީ ވަކި ކަނޑައެޅިގެން ވަކި ރެއެއްކަމެއް އެނގޭކަށް ނެތެވެ. ވީމާ ފަހު ދިހައިގެ ކޮންމެ ރެއަކު ލައިލަތުލްޤަދުރީގެ މަތިވެރިކަން ހޯދުމަށް އެދި އަޅުކަން ކުރުމުގައި ޘާބިތުވާށެވެ. ބުއްދިވެރިގޮތަކީ އެއީއެވެ.

Advertisement

ކޮމެންޓް