ރިސޯޓްތަކަކަށް އަލުން ހިންގުމުގެ ހުއްދަ ދީފި

25 May 2019 | 13:14

މީގެ ކުރިން ހުއްދަ ބާތިލްކުރެވުނު ރިސޯޓްތަކަކަށް އެ ރިސޯޓް އަލުން ހިންގުމުގެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލައިސަންސް ހިފެހެއްޓުނު ރިސޯޓްތަކަކަށް ޝަރުތުތަކެއް ކުރުމަށްފަހު ހުއްދަ ދިނުމުގެ އެއްބަސްވުންތަކުގައި އަލުން ސޮއިކޮށްފައިވާނެ ކަމަށެވެ. 

އެގޮތުން އެއްބަސްވުމުގައިވާ ގޮތުން ހުއްދަ ބާތިލްކުރުމަށްފަހު އަލުން ހުއްދަ ދީފައިވާ ރިސޯޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހެ އެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންތައްތައް ނިންމަންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދިވެހި އަދި ބިދޭސީ މުވައްޒަފުން ރިސޯޓުގެ ވަޒީފާތަކުގައި ގެންގުޅުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މީގެ އިތުރުން ރިސޯޓުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭ ގަވއިދާ އެއްގޮތަށް ސަލާމަތީ ކަންކަން ބެހެއްޓުމަށް ޝަރުތުކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އަލުން ހިންގުމުގެ ހުއްދަ ދިނީ ކޮން ރިސޯޓްތަކަކަށްކަން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement