Advertisement

މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ބޭފުޅަކު ކަނޑައެޅުން މިރޭ ދަރުބާރުގޭގައި!

27 May 2019 | 14:07

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބް ރައީސްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މެންބަރެއް ކަނޑައެޅުމަށް ބާއްވާ ވޯޓް މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޕީޖީ މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިމިވަނީ މިރޭ 21:30 ގައިއެވެ. މިއީ މަޖިލިސް އިންތިހާބު ކާމިޔާބުކުރެއްވި 65 މެންބަރުންނާއި އެކު އެމްޑީޕީގެ ޕީޖީން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

މިރޭ މި ބައްދަލުވުން ބާއްވަން ނިންމާފައިވީނަމަވެސް ރައީސް ކަނޑައެޅުމަށް ވޯޓް ނަގާނެ ގޮތަކާއި މެދުވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ ރައީސަކު ކަނޑައަޅަން ވޯޓް ނަގާނީ ސިއްރުންތޯ ނޫނީ އަތް ނަގައިގެންތޯވެސް ނިންމާނީ މިރޭގެ ބައްދަލުވުން ފެށުމަށްފަހު ކަމަށެވެ.

މަޖިލިސް ރައީސްކަމަށް އަންނާނެ ބޭފުޅެއްގެ ވޯޓު ނެގުން މަޖިލީހުގައި އޮންނާނީ މާދަމާރޭ އޮންނަ ހުވާކުރުމުގެ ޖަލްސާގައެވެ. 

Advertisement

ކޮމެންޓް

Advertisement