ފިސްތޯލް މައްސަލާގައި އަދީބަށް އިއްވި 10 އަހަރުގެ ހުކުމްވެސް ބާތިލުކޮށްފި!

27 May 2019 | 14:56

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ފިސްތޯލް ގެންގުޅުނުކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް އަދީބުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން 5 ގައެެވެ.

މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އަޑު އެހުން ނިނމާލާފައިވާ މި މައްސަލާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް މީގެކުރިން ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މިހުކުމާއެކު އަދީބްގެ މައްޗައްކުރެވިފައިވާ 10 އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްވީއެވެ.

ސުޕްރީމް ކޯޓުން ބޭއްވި މިމައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އަދީބަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްދޭން އެދިފައެވެ.

އަދި އެ ހުކުމަކީ ރަނގަޅު ހުކުމެއްނޫންކަމަށް ޕީޖީން ވެސް ވަނީ ފާހަގަ ކޮށްފައެެވެ. އަދީބުވެސް ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން މިއަދު އިއްވެވި ހުކުމްގައި ބުނެފައިވަނީ އަދީބު، ފިސްތޯލަ ގެންގުޅުނުކަން ސާބިތުވާނެ އެއްވެސް ހެއްކެއް އަދި ދަލީލެއް ވެސް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ ހުކުމް ބާތިލުކުރަންޖެހޭކަން ދައުލަތުން ވެސް އިއުތިރާފުވެފައިވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެ މައްސަލާގައި ކުރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގައި ކުށް ސާބިތުކުރުމަށް ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް ނޫން ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

Advertisement

ކޮމެންޓް