ސައިކަލެއް ފިހާރައެއްގެ ތެރެއަށް ވަދެއްޖެ!

29 May 2019 | 23:19

މާލޭގައި ސައިކަލެއް ފިހާރައެއްގެ ތެރެއަށް ވަދެ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިމައްސަލައާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ބޮޑުރަސްގެފާނު މަގުން އިރުން ހުޅަނގަށް އަންހެނަކު ކުޑަ ކުއްޖެއް ގޮވައިގެން ސައިކަލް ދުއްވާފައި ދަނިކޮށް މަގުމަތިން ދިޔަ ކުއްޖަކު ސައިކަލު ކުރިމައްޗަށް އެރުމުން އެ ކުއްޖާ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި ކައިރީ ހުރި ފިހާރައަކަށް ސައިކަލު ވަދެފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިރޭ 20:35 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ހޭނެތިގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާ ހޭނެތިފައިވަނީ ލޭފެނިގެންކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭނާ އަށް އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އުމުރުން 34 އަހަރުގެ އަންހެންމީހާ އަތުގައި ލައިސެންސްވެސް ނެތްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން އުމުރުން 10 އަހަރުގެ އަންހެން ކުއްޖާގެ އަތް ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް