Advertisement

އަނބިމީހާ ލައްވައި ހަށިވިއްކަމުންދިޔަ މީހަކާ، އިތުރު ތިން މީހުން ހައްޔަރުކޮށްފި!

31 May 2019 | 23:20

އަނބިމީހާ ލައްވައި ހަށިވިއްކުމުގެ މަސައްކަތްކުރި ފިރިމީހާއާއި، އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިންގޮތުގައި 20 މޭ ވަނަ ދުވަހު މައްޗަންގޮޅީ ގެއެއްގައި ހަށިވިއްކާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ކޯޓުއަމުރެއްގެ ދަށުން އެގެ ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.

ބަލާ ފާސްކުރުމަށް ފަހު އެގެއިން ވަނީ ހަށިވިއްކުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ 3 ފިރިހެނުން ހައްޔަރުކުރެވިފައެވެ. މީގެ އިތުރުން ހަށިވިއްކަމުން ދިޔަ ބަންގްލަދޭޝްގެ އަންހެނެއްވެސް ވަނީ ހައްޔަރުކުރެވިފައިކަމަށް ފުލުހުން މައުލޫމާތު ދިނެވެ..

ފުލުހުން މައްސަލަ ބެލި ބެލުމުން ފާހަގަކުރެވިފައިވަނީ އަންހެން މީހާ ލައްވައި ހަށިވިއްކަނީ އޭނާގެ ފިރިމީހާކަމަށާއި، އަދި އޭނާގެ ފިރިމީހާ އޭނާއަށް ކޮށްފައިހުރިކަމަށް ބެލެވޭ އަނިޔާގެ ނިޝާންތައް އަންހެންމީހާގެ ހަށިގަނޑުން ފެންނަން ހުރިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން އަންހެން މީހާގެ ޕާސްޕޯޓް ހިފައިގެން ފިރިމީހާ ދިޔަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކުރެވުނު އަންހެންމީހާ ވަނީ 23 މޭ ވަނަ ދުވަހު ސޭފް ހައުސްއަކަށް ބަދަލުކުރެވިފައިކަމަށާއި އޭގެ ކުރިން އިކޮނަމިކް މިނިސްޓްރީން ސޭފް ހައުސްއަށް އޭނާ ބަދަލުކުރެވެންދެން އަންހެންމީހާ ބެހެއްޓިފައިހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

އަންހެންމީހާގެ ފިރިމީގެ މައުލޫމާތު މިހާރުވަނީ އިމިގްރޭޝަންއާއި ހިއްސާކުރެވިފައިކަމަށާއި، އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް 25 މޭ ގައި އެ ފިރިހެންމީހާ ވަނީ ފުރަންއުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓުން ހިފަހައްޓައިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ބަންގްލަދޭޝްގެ 39 އަހަރުގެ މި ފިރިހެންމީހާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓް ވިސާގައި މޭ 15 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންހެންމީހާގެ ފިރިމީހާއާށް 7 ދުވަސް ޖަހައިފައެވެ. އަދި އަނެއް 3 ފިރިހެނުންނަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ހިއުމަން ޓްރެފިކިންގ ގެ ސީރިއަސް މައްސަލަތެއްގޮތުގައި ބަލަމުންކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފޮޓޯ: ފައިލް

Advertisement

ކޮމެންޓް