149 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

01 Jun 2019 | 15:17

މިއަހަރު ތެރޭގައި ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

މިމައްސަލާގައި ދޫކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ އަލީ ޝާކިރު ނަމަކަށް ކިޔާ މީހެކެވެ. އޭނާއެކު ހައްޔަރުކުރި އަނެއް ހަތަރު މީހުންނަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ގދ.އަތޮޅުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މިތަކެތީގެ އަގު 260މިލިޔަން ރުފިޔާއަށް އަރައެވެ.

ފުލުހުން ބުނެފައިވަނީ 149 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެއީ ކަނޑުމަގުން ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެތި ކަމަށެވެ.

އެ މަސްތުވާތަކެތި ހޯދުނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޑިވިޝަން ޕޮލިސިން ކޮމާންޑާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ފާއިތުވި 72 ގަޑިއިރު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތަކުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement