Advertisement

ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން 5

01 Jun 2019 | 17:39

ލިޔުނީ: އައްޝައިޚް އަހްމަދު ސަމީރު 

މުސްލިމުންގެ ތެރެއަށް ސެކިޔުލަރިޒަމް އައީ ކިހިނެއް؟

އިސްލާމީ ޚިލާފަތު ވައްޓާލުމަށް މުސްލިމުންގެ ތެރެއިން މީހަކު އުފެއްދުމީ އިސްލާމީ އުންމަތާދެކޮޅަށް މާސޫނީންގެ ނުރައްކާތެރި ރޭވުމުގެ ތެރެއިންވާ ރޭވުމެކެވެ. އެވެރިން އަބަދުވެސް މަސައްކަތް ކުރަނީ ގަހުގެ އަހުލުވެރިން ލައްވާ ގަސް ކަނޑާ އުޞޫލެވެ. އެއީ އެގޮތް ފަސޭހަވެފައި ކާބިޔާބުވާނެތީއެވެ. ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ވައްޓާލުމަށް އަތާތުރުކުގެޝަޚުޞިއްޔަތު ބިނާކުރަމުން ދިޔައީ ވަރަށް ރޭވުންތެރިކަމާ އެކުވެއެވެ. ހުޅަނގުގެ ބޭނުމަކީ އިސްލާމީ ޚިލާފަތު ވައްޓާލައި މުސްލިމުން ބިންތައް ފޭރި އިސްލާމްދީނާއި މުސްލިމުން ނިކަމެތި ކުރުން ކަމުގައި ވީހިނދު އެކަން ކުރާނެ އިސްލާމަކު ތުރުކީ އިން ލިބުމުން ، ކޮންމެހެން އެތަނުގައި ބޭރުގެ ޢަސްކަރީ ބާރެއް އޮތުން މުހިންމު ނޫންކަން އިސްތިޢުމާރީ ބާރުތަކަށް ވިސްނެއެވެ.

ޢުޘްމާނީ ޚިލާފަތު ވައްޓާލުމުގެ ޙަރަކާތް ހިނގަމުންދިޔަ ގޮތަށް ނަޒަރެއް:

ކުރިން އިސްވެ ބަޔާންވެ ދިޔަފަދައި އަތާތުރުކުގެ ޝަޚްޞިއްޔަތު އުފެއްދުމުގެ އިތުރުން، ބައިވަރު އެތައް ކަމެއް ހިނގަމުން ދިޔައެވެ. މިގޮތުން 2 ކަމެއް ފާހަގަކޮށްލާހަމެވެ.

1- ޔަހޫދީންގެ ރޭވުން: މިގޮތުން އަންދަލުސް އިން ބޭރުކޮށްލެވުނު ޔަހޫދީންގެ ޖަމާޢަތެއް ފާހަގަކޮށްލެވެއެވެ. އެމީހުން ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެންތިބި ނަމަވެސް އެމީހުން ދިޔައީ މުސްލިމުންނާ ދެކޮޅަށް ޞަލީބީންނަށް އެހީތެރިވަމުންނެވެ. އަދި މުސްލިމުންގެ އަޚުލާޤު ފަސާދަކޮށް މުސްލިމުންގެ މެދުގައި ބަދުއަޚުލާޤީކަންކަން ފަތުރަމުންނެވެ. އަދި ތުރުކީގައި ޚިލާފަތާ ދެކޮޅަށް ހަތިޔާރު އުފުލައި ޙަރަކާތްތައް ހިންގަމުންދިޔަ ތަފާތު ޖަމާޢަތްތަކަށް މިމީހުން އެހީތެރިވަމުން ދިޔައެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ޚަލީފާ ޢަބްދުލް ޙަމީދު(2) ގެ ވެރިކަން ފުރުޅިގެން ދިޔުމެވެ. އަދި އެޔާއެކު ދައުލަތް ހިންގުމުގެ ނިޒާމުން އިސްލާމް ދީނަށް ދެވިފައިވާ އަހަންމިއްޔަތު ނެތިގެން ދިޔައެވެ. އަދި ކުފުރުގެ ނިޒާމަށް މަގުހުޅުވިގެން ދިޔައެވެ.

2- ޖަމްޢިއްޔާ ޖަމާޢަތްތައް

އިސްލާމީ ޚިލާފަތު ވައްޓާލައި ތުރުކީއަށް ސެކިއުލަރ ވެރިކަމުގެ ނިޒާމެއްގެނައުމުގައި އެކި ނަންނަމުގައި އުފެދި ހިނގަމުންދިޔަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު ވަރަށް ބޮޑެވެ. މިގޮތުން " ތުރުކީ ޒުވާން އަންހެން ކުދިންގެ ޙަރަކާތް" ގެ ނަމުގައި ހިންގަމުންދިޔަ ޙަރަކާތާއި، " އިއްތިޙާދާއި ތަރައްޤީ ޙަރަކާތުގެ ޖަމާޢަތް" ފާހަގަކޮށްލެއެވެ.

ފުރަތަމަ މިޙަރަކާތުގެ މަސައްކަތް ހިންގަމުން ގޮސްފައިވަނީ ސިއްރިއްޔާތުގައި އިސްތަންބޯލްގެ ޢަސްކަރީ މެޑިކަލް ކޮލެޖްގައެވެ. މިޖަމްޢިއްޔާގެ މަސައްކަތް ފުޅާކޮށް ވަރަށް ގިނަމީހުން މިމީހުންގެ ޖަމާޢަތާގުޅުނެވެ. އަދި "ތުރުކީ ޒުވާން އަންހެން ކުދިންގެ ޙަރަކާތް" ގެ މީހުންވެސް މިމީހުންނާ ގުޅުނެވެ. އަދި ޖަމްޢިއްޔާގެ ޙަރަކާތްތަކުގެ މައިމަރުކަޒެއްކަމުގައި ޖެނީވާ ހެދިއެވެ. އަދި ޕެރިހުގައި ޖަމްޢިއްޔާގެ ސެކިއުލާ ފިކުރުތައް ފެތުރުމަށް "މީޒާން" ގެނަމުގައި މަޖައްލާއެއް ނެރެން ފެށިއެވެ.

މި ޖަމްޢިއްޔާގެ މެންބަރުންގެ ގޮތުގައި ތިބި ޔަހޫދީންގެ މަސައްކަތަކަށްވީ އަޚްލާޤީގޮތުން އިސްލާމީ މުޖުތަމަޢު ހަލާކުކޮށްލުމާއި،އިސްލާމީ މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، ދައުލަތް ހަލާކުކޮށްލުމަށް ނުބައި މަކަރުވެރި ރޭވުންތައް ރާވައި ހިންގުމެވެ.

20 ވަނަ ޤަރުނުގެ ފެށުމާއެކު އިތުރު ޖަމްޢިއްޔާތައް އުފެދި ، ކުރިން ޙަރަކާތްތެރިވަމުން ދިޔަ ސެކިއުލާ މައި ޖަމްޢިއްޔާ އާ އެކު ޢުޘްމާނީ ޚިލާފަތު ވައްޓާލަން ޙަރަކާތްރިވާން ފެށިއެވެ. 1923 ވަނަ އަހަރު ތުރުކީ ޥަޠަނީ ޖަމްޢިއްޔާއިން ތުރުކީގައި ޖުމުހޫރީ ވެރިކަމެއް އިޢުލާނުކޮށް އެވެރިކަމުގެ ފުރަތަމަ ރައީސަކަށް މުސްޠަފާކަމާލް އަތާތުރުކު އިންތިޚާބުކުރިއެވެ. އަދި ސުލްޠާން ޢަބްދުލް ޢަޒީޒްގެ ދަރިކަލުން ޢަބްދުލް މަޖީދު، ޚަލީފާއެއްގެ ގޮތުގައި ޢައްޔަންކުރިއެވެ. މިގޮތުން ޚިލާފަތާއި، ވެރިކަން ކުރުމުގެ ބާރު މުޅިން ވަކިވެގެންދިޔައެވެ. ޚަލީފާއަކީ ރަމްޒީ މަޤާމެއްކަމުގައި ވިއެވެ.

ފުރަތަމަކޮޅުގައި ޚިލާފަތަށް ރައްކާތެރިވާކަމުގައި އަތާތުރުކު ދައްކަމުން ދިޔައެވެ. އެންމެ ފަހުން 1924 ވަނަ އަހަރު އަތާތުރުކު އޭނާޔާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި ޔަހޫދީންނާއި ނަޞާރާއިންނަށް އެންމެ އަގޮބޮޑު ހަދިޔާ އެރުވިއެވެ. އެއީ މުސްލިމުންގެ ޢަދުއްވުންގެ ކުރިމަތީގައި މުސްލިމުންގެ ހައިބަތާއި ބާރުގެ ރަމްޒުކަމުގައިވާ ޚިލާފަތު ވައްޓާލިކަން އިޢުލާނު ކުރުމެވެ. އަދި ޚަލީފާ ޢަބްދުލް މަޖީދު ޤައުމުން ބޭރުކޮށްލިއެވެ. މި ހުރިހާކަމެއް ރާވާހިންގަމުން ދިޔަ މޭސްތިރިއަކީ ޔަހޫދީންނާއި ޞަލީބީންގެ އެހީއާއެކު މުސްޠަފާކަމާލް އަތާތުރުކެވެ. އޭނާ ބަޠަކަށް ހެދީ އެމީހުންނެވެ. އެއީ އެމީހުންގެ ލަޝްކަރުތައް އޭނާގެ ކުރިމަތީގައި ބަލިވިކަމަށް ދައްކައިގެން ކަމުގައިވިޔަސް މެއެވެ.

ޚިލާފަތު ވެއްޓުމާއެކު އިސްލާމީ ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީގައި މުސްލިމުންގެ މައްޗަށް ޙުކުމްކުރާ ސެކިއުލާ ދައުލަތެއް އިޢުލާނުކުރެވިގެން ދިޔައެވެ. 1924 ވަނަ އަހަރު ވެރިކަމައިގެން ފުރަތަމަ ފަހަރު ތުރުކީގެ ޕާލަންމަންޓާ މުޚާޠަބުކޮށް ފާޅުގައި ސެކިއުލާ ދައުލަތް އިޢުލާނުކުރަމުން އަތާތުރުކު ބުނަމުން ދިޔައީ އަހަރުމެން މިހާރު މިތިބީ 20 ވަނަ ޤަރުނުގައި ކަމާއި، ތީނާއި ޒައިތޫނީގެ ވާހަކަ އޮންނަ ފޮތެއްގެ ޝަރީޢަތުގެ ދަށުގައި އަހަރުމެންނަށް ކުރިޔަށް ދެވެން ނެތް ކަމުގައެވެ. މިހިސާބުން މުސްލިމުންނަށް އޭނާގެ އަޞްލު ޙަޤީޤަތް ފާޅުވެއްޖެއެވެ. ކުރިން މަދަޙައާއި ޘަނާގެ ޅެން ކިޔަމުންދިޔަ ދޫތަކުން ހިތާމައިގެ ޅެންތައް ކިޔަން ފެށިއެވެ. ނަމަވެސް މިހާރު މާލަސްވެއްޖެއެވެ.

މުސްލިމުންގެ ތެރެއަށް ސެކިއުލަރިޒަމް ފޯރިގޮތާމެދު ވާހަކަ ދައްކާއިރު ތުރިކީގައި ކަންހިނގާދިޔަ ގޮތް ދެނެގަތުން ވަރަށް މުހިންމެވެ. އެހެނީ އެތައް ސަތޭކަ އަހަރުވީ އިސްލާމީ ޚިލާފަތެއް ވެއްޓި އޭގެ ބަދަލުގައި ސެކިއުލާ ދައުލަތެއް ތުރުކީގައި ޤާއިމުވެގެން ހިނގައިދާނެކަމީ މީހަކު ތަޞައްވަރުވެސް ކުރާނެ ކަމެއް ނޫނެވެ.

ވިސްނާލުން ހުއްޓެވެ. އެތައް ސަތޭކަ އަހަރުވީ ޚިލާފަތެއް ވައްޓާލައި ފުރަތަމަފަހަރަށް ޕާލަމަންޓުގައި، ފާޅުގައި ކީރިތި ޤުރްއާނުގެ ޝަރީޢަތަށް ހަޖޫޖަހަން ކެރޭވަރަށް މުސްލިމުންގެ ޙާލަތު ދިޔައީ އެއްދުވަހަކުން ދެދުވަހަކުން ނޫނެވެ. އެއީ ރޭވިގެން ހިންގަމުންދިޔަ އެތައް އަހަރެއްގެ މަސައްކަތެވެ. އަންދަލުސްގައި އޮތް 800 އަހަރުވީ އިސްލާމީ ވެރިކަންވެސް ވައްޓާލީ، މިފަދަ ނުބައި ރޭވުންތަކާމެދު މުސްލިމުން ޣާފިލުވެ މާއްދިއްޔަތަށް ހެއްލިގެން ދިޔުމުގެ ސަބަބުންނެވެ.

ތުރުކީގައި ސެކިއުލަރ ވެރިކަމެއް ޤާއިމުކުރުމުން އައީ ކޮން ބަދަލެއް؟

އިސްލާމީ ޝަރީޢަތުގެ ޙުކުމްފުޅުތަކުގެ މައްޗަށް ބިނާވެފައިވާ ޢުޘްމާނީ ޚިލާފަތު ވައްޓާލައި ސެކިއުލާ ވެރިކަމެއް ޤާއިމުވުމުން، އިސްލާމް ދީނުގެ ހުރިހާ ޝިޢާރުތައް ފުހެލުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިޔައެވެ. ސެކިއުލަރ ވެރިކަމެއްގައި އިސްލާމްދީނާ ދެކޮޅަށް ހިންގާނެ ހުރިހާ ޖަރީމާއެއް އަތާތުރުކު ހިންގިއެވެ. މިގޮތުން ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ދުސްތޫރުގައި ލިޔެފައިވާ މާއްދާ އުވާލައި ތުރުކީއަކީ ސެކިއުލާ ދަތުލަތެއްކަމުގައި ކަނޑައެޅިއެވެ. ދައުލަތް ހިންގުމުގެ ނިޒާމުން ދީނުގެ ޙުކުމަތްތައް ވަކިކޮށް އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ސްވިޒްލޭންޑް އާއި އިޓަލީގެ ޤާނޫނު ތަންފީޒު ކުރަންފެށިއެވެ.

އަދި ސްކޫލުތަކާއި ސަރުކާރުގެ އިދާރާތަކުގައި އަންހެނުން ޙިޖާބުވުން މަނާކުރެވި، ނިވާކަން ކުޑަވުމަށް ހިތްވަރުދޭން ފެށިއެވެ. އިސްލާމް ދީނުގެ ކަންކަން ކުރިއެރުމަށް ﷲ ގެ މަގުގައި ވަޤުފުކުރެވިފައިހުރި ހުރިހައިތަނެއް އުވާލިއެވެ. އިސްލާމީ ސްކޫލްތަކާއި މަދަރުސާތައް ބަންދުކުރިއެވެ. އަދި ޢަރަބި އަކުރުން ލިޔުން މަނާކޮށް ތުރުކީ އަކުރުން ނުވަތަ ލެޓިން އަކުރުން ލިޔަން މަޖުބޫރުކުރިއެވެ.

1931 ވަނަ އަހަރު ޢަރަބި ބަހުން ބަންގިގޮވުން މަނާކޮށް، އެޔާ ޚިލާފުވާ މީހުންނަށް ހަރުކަށި އަދަބު ކަނޑައަޅައި ޤަރާރެއް އަތާތުރުކު ނެރުނެވެ. އަދި މީސްތަކުންގެ މައްޗަށް އައި ހޮނުގުގުރިއެއް ފަދައިން ޤަރާރު ތަންފީޒުކުރެވެން ފެށިއެވެ. އެއީ އެތައް ސަތޭކަ އަހަރެއްވީ ޚިލާފަތުގެ ބިމުގައެވެ. 1950 ވަނަ އަހާރަހަމަޔަށް ބަންގި ގޮވަމުންދިޔައީ ޢަރަބި ބަހުގެ ބަދަލުގައި ތުރުކީ ބަހުންނެވެ.

ބައެއް މިސްކިތްތައް ބަންދުކޮށް ،ބަންދުކުރި ބައެއް މިސްކިތްތައް ފައްޅިޔަށް ބަދަލުކުރިއެވެ. ތުރުކީއާއި އިސްލާމީ އެހެން ދައުލަތްތަކާ އޮތް ގުޅުން މުޅިންކަނޑާލިއެވެ. އަހަރުތަކެއްވަންދެން ފިޠްރުޢީދާއި އަޟްޙާޢީދު ފާހަގަކުރުން މަނާކުރިއެވެ. ޙައްޖަށް ދިޔުމާއި، ހުކުރު ޚުޠުބާ މަނާކުރިއެވެ. އަދި ހުކުރުގެ ބަދަލުގައި އާދީއްތަ ދުވަސްހެދިއެވެ. ހިޖުރީ ކަލަންޑަރު އުވާލިއެވެ. މުރުތައްދުވުން ހުއްދަކުރިއެވެ. ވާރުތަ މުދާ ބެހުމުގައި ޤުރްއާނުގައި އޮންނަގޮތަށް ޢަމަލުކުރުން މަނާކުރިއެވެ.

150 އަށް ވުރެގިނަ އިސްލާމީ ޢިލްމުވެރިން ދަންޖެއްސިއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަށް ނިސްބަތް ކުރެވޭ ނަންފުޅު ތަކުގެ ތެރޭގައި "މުޞްޠަފާ" ހިމެނޭތީ، އަތާތުރުކު އޭނާގެ ނަމުން "މުޞްޠަފާ" މިކަލިމަ ކަނޑާލިއެވެ. އަދި އޭނާގެ މައްޗަށް ކަށުނަމާދު ނުކުރުމަށް، މަރުވުމުގެ ކުރިން ވަޞިއްޔަތްކުރިއެވެ. މުސްލިމު އަންހެނުން ކާފަރު އަންހެނުންނާ ކައިވެނިކުރުން ހުއްދަކުރިއެވެ. އެއް އަންބަށްވުރެ ގިނައިން ކައިވެނިކުރުން މަނާކުރިއެވެ.

އިސްލާމީ ޘަޤާފަތާއި އާދަކާދައިގެ ބަދަލުގައި ހުޅަނގުގެ ޘަޤާފަތާއި އާދަކާދައަށް މުޅި ޤައުމު ދީލާލިއެވެ. މި ހުރިހާ މުޞީބާތެއް ޖެހުމުގެ ސަބަބީ މުސްލިމުން އެބައިމީހުންގެ ދިނާ ދުރުވެ އެބައިމީހުންގެ ހަތުރުން މިތުރުންކަމުގައި ހެދުމުގެ ސަބަބުންނެވެ. އަދި ކާފަރުންގެ މަކަރުވެރި ދަލުގައި ޖެހުމުގެ ސަބަބުންނެވެ. (ނުނިމޭ)

Advertisement

ކޮމެންޓް