އީދު ސަލާންކުރުން މިފަހަރު އޮންނާނީ މުލީއާގޭގައި

02 Jun 2019 | 14:03

މިފަހަރުގެ ފިތުރު އީދު ސަލާން ކުރުން އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ރިޔާސީ ގަނޑުވަރު މުލީއާގޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

މިކަން މުލީއާގޭގައި އޮންނާނީ ފިޠުރުޢީދު ދުވަހުގެ ހެނދުނު 9.30 ން 10.30 އަށެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވާ ކަމަށެވެ.

އަދި ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ ޢަދަދެއްގެ ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެންދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޢީދު ސަލާމް ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، މުލީއާގޭ ހުޅަނގަށް އޮންނަ ދަރުމަވަންތަ މަގާއި، ޝަހީދު ޙުސައިން މުޙައްމަދު ހިނގުމުންނެވެ.

Advertisement

ކޮމެންޓް

Advertisement