އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި މިސްކިތެއް ނާޅާނެ: ފޮރިން މިނިސްޓްރީ

10 Jun 2019 | 12:00

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި މިސްކިތެއް ނާޅާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވިގޮތުގައި އިންޑިއާއިން އެހީވާ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި މިސްކިތްތައް ނުހިމެނޭކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އަންނީ ރާއްޖޭގައި މިސްކިތްތައް ބިނާކުރުމާއި ހުރި މިސްކިތައް ވީރާނަވެފައިވުމުން މިސްކިތްތަކަށް ފަންޑުތައް މެދުވެރިކޮށް ފައިސާ ހޯދަމުންނެވެ.

މާލެ ސިޓީ ހުޅުމާލޭގައި މިހާރުވެސް ދެ މިސްކިތް ބޭނުން ކުރަމުން އަންނަނީ ވަގުތީ އިމާރާތްތަކުގައިކަން ފާހަގަކޮށްލަންޖެހެއެވެ.

މޯދީ ރާއްޖެ ކުރައަވަން ހަމަޖެހިފައިވާ ދަތުރުފުޅާއެކު ފޮރިން މިނިސްޓްރީން އަންނަނީ އިންޑިއާގެ އެހީތަކުގެ ތަފްސީލްތައް ހާމަކުރައްވަމުންނެވެ. މީގެ ތެރޭގައި ސްކޫލް ކްލާސް ރޫމް ހެދުމާއި، ކޮންވެންޝަން ސެންޓަރު ހެދުމާއި އެންބިއުލާސް ގަތުން ހިމެނެއެވެ. އެންމެ އިސްކަމެއް ދީގެން އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ ޓްރެއިނިންގ ސްކޫލްތަކަށް ވަނީ ބޮޑެތި އެހީތަކެއް ވެދީފައެވެ.

އެގޮތުން ދ. ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައެވެ.

Advertisement

ކޮމެންޓް