Advertisement

ރާއްޖޭގެ ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ ރައްޔިތުންގެ އެކުވެރިކަން: ރައީސް ޞާލިހު

04 Jun 2019 | 12:08

ރާއްޖެއަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަޞްލަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވައިފިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ ތަހުނިޔާގެ މެސެޖެއްގައެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ޢީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމަޢުގެ އެންމެން ޝާމިލް ކުރުމަށްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި، އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި، އިޖްތިމާޢީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުޞަތުތަކެއް ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. ހަމަ އެއާއެކު މިއަދަކީ ފަގީރުންނަށް އެހީތެރިކަން ފޯރުވައި، އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދީލަތިކަން އިސްކޮށް، އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ، ޢީދުގެ އުފާވެރިކަން މުޅި މުޖްތަމަޢަށް ފެތުރިގެންދާނޭ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޢީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ އަގުތައް، އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީވެސް، ޢީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަމެއްކަމުގައެވެ. ހަމަ އެގޮތަށް، މި ޤައުމަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަޞްލަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، މިފަދަ މުނާސަބާތަކަކީ، މުޅި މުޖްތަމަޢުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުޞަތެއް ކަމުގައި ދެކި، އެ ފުރުޞަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެދިވަޑައިގެންފައިވެއެވެ.

Advertisement

ކޮމެންޓް