މޯދީ ތަގުރީރުކުރައްވާ ގަޑިއާ މެދު އިދިކޮޅު މެންބަރުން ދެކޮޅު

06 Jun 2019 | 15:26

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖައްސާފައިވާ ގަޑިއާ މެދު އިދިކޮޅު މެންބަރުން ދެކޮޅުވެރިވެއްޖެއެވެ.

މޯދީ ރާއްޖެ ވަޑައިގެން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ. މިވަގުތަކީ މަޣްރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދުގެ ވަގުތަކަށްވެފައި މިއީ މުސްލިމުން ހަ ރޯދަ ހިފާ ދުވަސްތަކަށްވުމުން އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އެގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދެ ނަމާދު ދޭތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާ ބީރައްޓެހި ކަމެއް ކަމަށެވެ.

އަދި އެއީ ހަ ރޯދަ ހިފާ މީހުންނަށް ތަކުލީފަކަށް ވެގެންދާނެ ކަމެއް ކަމަށާއި އެގަޑީގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާތީ ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ އިން ވެސް ރާއްޖޭގެ ސަގާފަތަށް އިހުތިރާމު ކުރާނެ ކަމަށާއި އަދި ދިވެހި ސަރުކާރުން މާބޮޑަށް އެކަންކަމަށް ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިންޑިއާ އާ އެކު ގުޅުން ބަދަހިކުރުމަށް ދާއީދު ކުރައްވާކަން ހާމަކުރައްވައި އާދަމް ޝަރީފު ވަނީ ޖަލްސާއަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ

މީގެއިތުރުން ދެ ނަމާދު ދޭތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ޝިޔާމް ވަނީ މިއީ މަޖިލީހުގެ ރައީސް، ދީނާއި ސިޔާސަތު ވަކިކުރުމުގެ ސިޔާސަތެއް ގެންގުޅުވާ ކަމުގެ އިޝާރަތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އަދި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ ދޭތެރެއަށް ވާގޮތަށް އެޖެންޑާ ކުރުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.

މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުވެސް ވަނީ ދެނަމާދު ދޭތެރެއަށް މޯދީ ތަގުރީރުކުރައްވާ ޖަލްސާ އެޖެންޑާ ކުރުމުން ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ޖަލްސާ ބޮއިކޮޓްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ތޯރިގު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ދީނާއި ސިޔާސަތު ވަކިކުރާ، ''ސެކިޔުލާ'' ވިސްނުމަށް ވަކާލާތުކުރާ ފަރާތްތަކުން ރާއްޖެ، ސެކިޔުލާ ސްޓޭޓަކަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ ދޭތެރެއަށް ހަމަޖެއްސުން ކަމަށެވެ.

މޯދީ ތަގުރީރު ކުރެއްވުމަށް ފެނޭތޯ މަޖިލީހުގައި ނެގި ވޯޓްގައި ވެސް ތޯރިގު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މީގެއިތުރުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ނަމުގައި އަނެއްކާވެސް މުޅި ގައުމު ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރާ ކަމަށެވެ.

އުޝާމް ވިދާޅުވީ ނިޒާމް ބަދަލުކުރުމަށް ވުރެ ކުރަންޖެހޭ މާ މުހިންމު ގައުމީ މަސައްކަތް އެބަހުރި ކަމަށެވެ. އަދި ނިޒާމް ބަދަލުކުރުމުގެ ނަމުގައި އަނެއްކާވެސް މުޅި ގައުމު ސިޔާސީ ހަލަބޮލިކަމަށް ވައްޓާލުމަށް ކުރާ މަސައްކަތައް އޭނާ ތާއީދު ނުކުރައްވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް