ރާއްޖެއާއި އިންޑިއާ ދެމެދު ފެރީ ދަތުރުތައް ފަށަނީ

07 Jun 2019 | 17:02

އިންޑިޔާގެ ކޮޗިންއާއި ދިވެހިރާއްޖެއާއި ދެމެދު ފެރީގެ ދަތުރުތައް ފެށުމަށް ދެގައުމުގެ ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން މިއަދު ފޮރިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވީ، މި ދަތުރުފުުޅުގައި ދެ ގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއާއި އިންޑިޔާގެ ކޮޗިންއާއި ދެމެދު ފެރީގެ ދަތުުރުތައް ބޭއްވުމާއި ގުޅޭ އެއްބަސްވުމެއްގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވޭނެކަމަށް ޚަލީލް ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާ އާއި، ކަސްޓަމްސް ދާއިރާ އާއި، ސިވިލް ސާރވިސް މުވައްޒަފުން ތަމްރީން ކުރުމާއި ގުޅޭ ދާއިރާ އާއި، ދިވެހި ޒުވާނުންނަށް އެކި ހުނަރު ދަސްކޮށްދިނުމާއި ގުޅޭ ދާއިރާގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮޗިންއާއި ރާާއްޖެއާއި ދެމެދު ފެރީގެ ޚިދުމަތްތައް ބޭއްވުމުގެ ޚިޔާލަކީ ވަރަށް ކުރިން ފެށިގެން ދިވެހި ސަރުކާރުން އެދެމުން ދިޔަކަމެކެވެ. ކޮޗިންއަކީ ގިނަ އަދަދެއްގެ ދިވެހިން އެކި ކަންކަމުގައި ގޮސް އުޅޭ ތަނެކެވެ.

Advertisement

ކޮމެންޓް