ސެކިއުލަރިޒަމްގެ ނުރައްކާތެރިކަން 6

15 Jun 2019 | 21:48

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު

ސެކިއުލަރ މީހުންގެ މަކަރުވެރިކަން

ކުރިން އިސްވެ ބަޔާންކުރެވިދިޔަފަދައިން، ސެކިއުލާ މީހުން ފަހަރުގައި ފާޅުގައި އިސްލާމްދީނާ ދެކޮޅުކަމުގައި ނުބުނެފާނެއެވެ. އަދި ކިއެއްތަ، އިސްލާމްދީން ޙިމާޔަތްކުރަން ޖެހޭނެކަމުގައި ޞަރީޙަކޮށް ބުނެހަދާވެސްފާނެއެވެ. އަދި ދީނަށް ތަޢުރީފުވެސް ކޮށްފާނެއެވެ. ނަމަވެސް އެއީ އޭނާ ޤަބޫލުކުރާ ވަކިޚާއްޞަ މާނައެއްގައި ހަނި ދާއިރާއެއްގައި ދީނުގެ ކަންކަން އޮންނަ ގޮތުގައެވެ. އެހެނަސް އިސްލާމް ދީނަކީ އަހަރުމެންގެ ކުދިބޮޑު އެންމެހައިކަމެއް އޭގެދަށުގައި ޙައްލުކުރުމަށް ﷲ ބާވައިލެއްވި އިލާހީ ވަޙީތޯ މިފަދަމީހަކު ކުރެން ސުވާލުކުރެވިއްޖެނަމަ އޭނާގެ ޖަވާބު 3 ގޮތަކުން ކުރެ ގޮތަކުން ބޭރުނުވާނެއެވެ.

1- އެއްގޮތަކީ އޭނާއަށް ތާއީދުކޮށް އިންތިޚާބުތަކުގައި ވޯޓުލާންތިބި މީހުންނަށް އޭނާގެ ސެކިއުލާ ފިކުރުއެނގި ޙަޤީޤަތް ފާޅުވެ ވޯޓު މަދުވެދާނެކަމުގެ ބިރަށް ސީދާޖަވާބުން ރެކިގަތުމެވެ.

2- އަނެއްގޮތަކީ ދީނާއި ސިޔާސަތު ވަކިކުރަން ޖެހޭކަމަށް ޞަރީޙަކޮށް ބުނުމެވެ. ހަމައެހެންމެ އިންސާނާގެ ޙަޔާތުގެ ދިރިއުޅުމާ ގުޅޭ ކަންކަމުގައި ރަނގަޅާއި ނުރަނގަޅު ކަނޑައަޅާ މިންގަނޑަކީ ދީންކަމުގައި ހަދައިގެން ނުވާނެކަމުގައި ބުނުމެވެ. މިބަހުން އޭނާ ދައްކަން ބޭނުންވަނީ ދީނަށް އޮތް ޢަދާވާތްތެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އެދައްކަން ބޭނުންވަނީ ދީނަކީ ރޫޙާނީ ބަޔާއި ޣައިބުގެ ކަންކަމާ ގުޅުންހުރި ކަންކަމެއްގެ ގޮތުގައެވެ. ވީމާ އޭނާގެ ގާތުގައި ދީނުގެ ދަރަޖައަކީ ކާހިނުކަމުގެ ދަރަޖައެވެ. ބައެއް މީހުން އެމީހުން ޢިބާރާތް ކަންފަތަށް ތަންކޮޅެއް ލުއިކޮށްލާ އޮމާންކޮށްލާފައި ބުނެއެވެ. ދީނަކީ އިންސާނާއާ އޭނާގެ ވެރި ރައްބާ ދޭތެރޭގައި އޮންނަ ކަމެކެވެ. އެކަން އޮންނަންވާނީ އޭނާގެ ޝަޚްޞީ ނުވަތަ ޒާތީކަމެއްގެ އިމުގެ ތެރޭގައެވެ. ނުވަތަ ދީނަކީ އެއަށް ރައްކާތެރިވާންޖެހޭ ނުހަނުމާތް އެއްޗަކަށް ވީހިނދު، އަހަރުމެންގެ ތެރޭގައި އޮންނަ ސިޔާސީ ، ފިކުރީ އަދި ޘަޤާފީ އަރާރުންވުންތަކުގެ ތެރެއަށް ދީން ވައްދާކަށް ބޭނުން ނުވާކަމުގައިވެސް ބުނެފާނެއެވެ. ވީމާ ނުހަނު ހެޔޮއެދޭ ނަޞޭޙަތްތެރިއެއްގެ ބީދާއިން އޭނާ އެބުނަނީ ދީން އޮންނަންވާނީ އެދީނަށް އިޙްތިރާމާއި ޤަދަރުކުރެވޭ ތަންކަމުގައިވާ މިސްކިތުގެ ހަތަރުފާރުތެރޭގައި ކަމާއި، ފަހަރެއްގައިވެސް ދުނިޔޭގެ ދަށުދަރަޖައިގެ ކަންކަމާ ދީނާ ގުޅުވައިގެން ނުވާނެކަމެވެ. އެހެނީ ދީނަކީ އުޚްރަވީ ޙަޔާތާގުޅުން ހުރިކަމެކެވެ. މި ފަދަ ޢިބާރާތްތަކުން ސެކިއުލާމީހުން އެމީހުންގެ ފިކުރުގައި މީސްތަކުން ވާވައްދައެވެ. އެހެނީ މި ފިކުރަކީ ހަމަ ސީދާ، ދީން އޭގެ އަސާސްތަކުން މުގުރާލުމުގެ ފިކުރެވެ. އެހެނީ އޭނާ އެބުނަނީ ކަލޭމެން ދީނުގެ ޙުކުމްތައް ދަންނަމީހުން އަހަރުމެން ކުރާ އެއްވެސް ކަމަކާ ނުބެހޭށެވެ. ކަލޭމެންނަށް އެކަށީގެންވާ ތަނަކީ ކަލޭމެންނަށް އިޙްތިރާމް ކުރޭވެ މިސްކިތްތަކެވެ. އެތަނުގައި ޒިކުރުކޮށް، ތިޔަކިޔަވާ އެއްޗެއް ކިޔަވާލަކިޔަވާލަ ތިބޭށެވެ.

އިސްލާމްދިނަށް ނިސްބަތްވާ ބިދުޢަވެރި ފިކުރެއްކަމުގައިވާ ޞޫފީޒަމްޢަޤީދާގެ ފިކުރަށް ސެކިއުލާމީހުން ތާއީދުކުރަނީ މިސަބަބަށްޓަކައެވެ. އެހެނީ އެމީހުންނަކީ ދުނިޔޭގެ ޙަޔާތުގެ އެއްވެސް ކަމަކާބެހޭ ބައެއް ނޫނެވެ. އަދި އަމުދުން ޤައުމުހިންގުމުގެ ސިޔާސަތާ ބެހޭގޮތުން އެއްވެސް ބަހެއް ބުނާބައެއް ނޫނެވެ. އެމީހުންގެ ކަމަކަށް އޮންނާނީ ޤަބުރުތަކަށް ނަދުރުބުނުމާއި، މިސްކިތްތަކުގައި ޖަމާޢީ ޛިކްރުގެ ޙަފްލާތައް ބޭއްވުމާއި މިސްކިތްތަކުގައި ލަވަކިޔުމާއި ބެރުޖަހައި ވަޖިދުވުމެވެ. ސޫފީން ނޫނަސް ޤައުމު ހިންގުމުގެ ސިޔާސަތާ ބެހޭގޮތުން ބަސްބުނުމުން މަނާވެގަންނަ ކޮންމެ ދީނީ ފިކުރަކަށް ސެކިއުލަރިސްޓުން ތާއީދު ކުރާނެއެވެ.

3- ތިންވަނަގޮތަކީ އިސްލާމްދީނަކީ ޙައްޤުދީންކަމާއި، އެދީނަށް ފައިސަލާކުރުމަކީ ވާޖިބެއް ކަމުގައި ބުނުމެވެ. ނަމަވެސް އެދީން ޙައްޤުގޮތުގައި ތަންފީޒުކުރަމުން ދާތަނެއް ނުފެނެޔޭކިޔައި ބަހަނާއެއް އުފެއްދުމެވެ. އަދި މިބަހަނާހަދައި ދީނީ ޢިލްމުވެރިންގެ ބޮލުގައި މިކަމުގެ އިލްޒާމު އެޅުވުމެވެ. އެމީހުން ބުނާގޮތުގައި ދީން ކިތެއްމެ މަތިވެރިޔަސް ދީނޭކިޔައިގެން މިއުޅޭ މީހުންނަކީ އެމީހުންގެ އަމިއް ޒާތީ ނުވަތަ ސިޔާސީ މަންފާއަށް ދީން ވިއްކަމުންދާ ބައެކެވެ. މި ބަހުން އެމީހުންގެ ބަދުބަސް ރައްދުކުރަނީ ސީދާކޮށް ދީނަކަށް ނޫނެވެ. ނަމަވެސް މިބަހުގެ ޙަޤީޤަތަކީ މިއީ ދީނަށް ނިސްބަތްކުރެވޭ މަކަރުވެރި ބަހެކެވެ. އެހެނީ އެމީހުންގެ ވާހަކައަކީ ޙަޔާތުގެ ހުރިހާކަމެއްގައި ދީނުގެ ޙުކުމްތަކަށް ޢަމަލު ކުރެވޭކަށް ނެތެވެ. އެހެނީ އެކަމަށްޓަކައި އިތުބާރުކުރެވޭ ދީނީ ފަތުވާދޭނޭ ޢިލްމުވެރިޔަކު ނެތެވެ. ވީމާ ނަތީޖާ އަކީ ދީނަށް ޢަމަލު ކުރުމުން އެއްކިބާވެގަތުމެވެ. (ނުނިމޭ)

Advertisement

ކޮމެންޓް

Advertisement