އޯލެވެލް ނަތީޖާގެ ދެފަރާތް އެޓޭޗްނުކޮށްގެންވެސް ސްޓޫޑެންޓް ލޯނު ނުލިބި އެބަހުރި!

09 Jun 2019 | 21:44

ސަރުކާރުގެ ފަރާތުން ހުޅުވާލި މަތީ ތައުލީމް ހާސިލްކުރުމުގެ ލޯން ސްކީމަށް ކުރިމަތިލި ދަރިވަރުންނަށް، އޯލެވެލް ނަތީޖާގެ ސެޓްފިކެޓްގެ ދެފަރާތް އެޓޭޗްނުކޮށްގެންވެސް ލޯނު ނުލިބިވާކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.

އެގޮތުން ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ޝަކުވާއެއްގައި ހާމަވެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ދަރިވަރުންގެ އޯލެވެލް ނަތީޖާ ސެޓްފިކެޓްގެ ފަހަތް ނުހިމަަނައިގެން ވަނީ ކުދިން ލޯނު ނުލިބޭ ގޮތް މެދުވެރިވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޯލެވެލްގެ ނަތީޖާ ސެޓްފިކެޓްގެ ފަހަތުގައި ކުދިންގެ ނަތީޖާއާއި ގުޅޭ އެއްވެސް ލިޔުމެއް ނުވެއެވެ. 

މިގޮތަށް ނުހޮވުނު ދަރިވަރަކު ވޮއިސްއަށް މައުލޫމާތުދެމުން ބުނީ މީގެ ކުރިންވެސް ލޯނަށް ކުރިމަތިލީ ކަމަށާއި، އެފަހަރު ބޭނުންކުރީ ހަމަ މިފަހަރުވެސް ބޭނުންކުރި ލިޔެކިޔުންތައް ކަމަށެވެ. މި ދަރިވަރު އެފަހަރުގައި ލޯނަށް ކޮލިފައިވިޔަސް، ނުހޮވިދިޔަކަން ދަރިވަރު ފާހަަގަކުރިއެވެ. އަދި އެފަހަރުގައިވެސް އޯލެވެލް ނަތީޖާ ސެޓްފިކެޓްގެ ފަހަތް ނުހިމަނާކަން ދަރިވަރު ފާހަގަކުރިއެވެ.

މިއަދު އާންމުކުރި ލޯނަށް މާކްސްދިން ގޮތުގެ ތަފްސީލްގައިވެސް ގިނަ ކުދިންނަށް ލޯނު ނުލިބުނު ސަބަބެއްގެ ގޮތުގައި ވަނީ ލިޔެކިޔުންތަކުގެ ދެފަރާތް އެޓޭޗްނުކުރުން ހިމަނާފައެވެ. 

އަދި މީގެ އިތުރުން ބައެއް ދަރިވަރުންނަށް ވަނީ 97.25މާކްސް ލިބިފައި، ކޮލިފައިވެ ލޯނު ނުލިބިވެސް ގޮސްފައެވެ. ނަމަވެސް 46 މާކްސްލިބުނު ދަރިވަރުންނަށްވެސް ލޯނު ދީފައިވާތީ ގިނަބަޔަކު ދަނީ މިނިސްޓްރީން ކުދިން ހޮވިގޮތާއި މެދު ސުވާލުއުފައްދަމުންނެވެ.

މިފަހަރުގެ ލޯން ސްކީމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލި ދަރިވަަަރަކު ވޮއިސްއާއި ވާހަކަ ދައްކަމުން ބުނީ އެ ޕޯޓަލްގެ މައްސަލަތައް ހުރި ވާހަކަ އެތައް ފަހަރަކު މިނިސްޓްރީއަށް ގިނަ ދަރިވަރުން އެންގި ކަމަށެވެ. އެގޮތުން ކުދިން އެއްޗެއް އަޕްލޯޑްކުރުމަށްފަހު އެ އެއްޗެއް އެކުދިންނަށް ނުފެންނަކަމަށްވެސް ދަރިވަރު ބުންޏެވެ.

އަދި ބައެއް ފަހަރު ޕޯޓަލް ކްރޭޝްވާތީ އެއަށްވެސް ނުވަދެވޭ ކަމަށާއި އެޕްލިކޭޝަން ލުމުން އަރަނީ ޕެންޑިންގް އެޕްލިކޭޝަން ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement