Advertisement

ވަކި ފަރާތަކަށް އިގްތިސާދީ ގޮތުން ބަރޯސާވާތީ ކަންބޮޑުވަން: ޕީޕީއެމް

10 Jun 2019 | 15:17

މި ސަރުކާރުން ވަކި ފަރާތަކަށް އިގްތިސާދީގޮތުން ބަރޯސާވަމުންދާތީ އެކަމާއި މެދު ކަންބޮޑުވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނެރުުނު ނޫސް ބަޔާނެއްގައެވެ.

ޕީޕީއެމްއިން ބުނީ މިހާރު ރާއްޖޭގައި ޤާއިމުވެފައިއޮތް ސަރުކާރުން، ރާއްޖޭގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައްދީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ގެންގުޅޭ ހަމައެކަނި ފޯމިއުލާ އަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާ މިންވަރަށް ވަކި ފަރާތަކަށް އިޤްތިޞާދީ ގޮތުން ބަރޯސާވުން ކަމީ، މިޕާޓީން އެކަމާ ކަންބޮޑުވާކަމެއްކަމަށެވެ.

އަދި މިސަރުކާރަށް މި ޒަމާނުގެ ވައްޓަފާޅީގައި ވިޔަފާރީގެ ވިސްނުންތަކެއް ނޭގޭކަމާއި، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ދިވެހިރާއްޖެ އިޤްތިޞާދީގޮތުން މިނިވަންކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިވެހިން ކުރާ މަސައްކަތުގައި އިސްނަގައި ކާމިޔާބުކުރުމުގެ ޤާބިލުކަން މިސަރުކާރުގައި ނެތްކަން އަންގައިދޭ އަލިގަދަ ހެއްކެއްކަމަށްވެސް ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ބަޔާނުގައިވަނީ ދެގައުމުގެ މެދުގައި ވެވުނު ބައެއް އެއްބަސްވުންތަކަކީ ރާއްޖެއަށް ގެއްލުންވާފަދަ ގޮތަކަށް ސޮއިކުރި އެއްބަސްވުންތަކެއް ކަމަށް ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށްވަނީ ބޭރުގެ ޤައުމުތަކާއި ގުޅުން ބަދަހިކުރުމަކީ އެއްބަޔަކު ނުވަތަ އެއް ޤައުމަކުން ބޭނުންވާ ހާ ގޮތަކަށް ކަންކަން ދީލާލުން ނޫންކަމާއި، ޒަމާނުއްސުރެ ޤައުމުގައި ހިފަހައްޓާފައި ހުންނަ ކަންކަން ދޫކޮށް، މުޅި ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ބަސްނުބުނެވޭ މިންވަރަށް ޤައުމު ބަލިކަށިވުމަކީ، ބައިނަލްއަޤްވާމީ ގުޅުންތައް ރަނގަޅުން ކުރުން ނޫންކަމަށްވެސް ބުނެފައެވެ.

Advertisement

ކޮމެންޓް