ޒުވާން އަންހެން ކުއްޖަކާއި ފޮށުނު ފިރިހެންމީހާ ހައްޔަރުކޮށްފި

11 Jun 2019 | 01:08

މާލޭގެ މަގުމަތީގައި އޭޑީކޭއިން ފެށިގެން ސްކޫޕާއި ހަމައަށް އަންހެންކުއްޖަކާއި ފޮށެމުން ފަހަތުން އައި ފިރިހެން މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކުރިކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

ސީޕީ ހަމީދު ވިދާޅުވީ އެ ފޮށުމުގެ މައްސަަލަ ފުުލުހުން ބަލަމުން އަންނަ ކަމަށާއި، އެ މައްސަލައިގައި ފޮށުނު ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ ފިރިހެންމީހާއާއި ދެކޮޅަށް އެ އަންހެންކުއްޖާ ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ.

މި ފިރިހެންމީހާގެ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު، އެ ވީޑިޔޯގެ ކެޕްޝަންގައި ވާގޮތުގައި އެ މުސްކުޅި ފިރިހެންމީހާ ވަނީ އޭޑީކޭއިން ފެށިގެން ސްކޫޕް ރެސްޓޯރެންޓާއި ހަމައަށް އެ އަންހެންކުއްޖާއާއި ފޮށެމުން ސައިކަލުން އައިސްފައެވެ.

އަދި އެ އަންހެންކުއްޖާއާއި ބޭއަދަބީ ބަހުން މުޚާތަބުކޮށް، ޖިންސީ ގުޅުން ހިންގަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ވީޑިޔޯ އަޕްލޯޑްކުރި އަންހެންކުއްޖާ ބުނީ ދުވަހަކުވެސް މިހާވަރަށް ނުފޮށޭކަމަށާއި، މަގުމަތީގައި ހުރެ ރޯންޖެހުނު އިރުގައިވެސް އެކަމާއި މެދު އެކަކުވެސް އަޅާލާާފައިނުވާ ކަމަށެވެ. މި މުސްކުޅި މީހާގެ ވަނަވަރު ހޯދުމަށް އެ އަންހެންކުއްޖާ އެދުމުން އެ ފިރިހެން މީހާގެ ވަނަވަރު ގިނަބަޔަކު ވަނީ ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގައި ހާމަކޮށް، އެ މައްސަލަ ބެލުމަށް ފުލުހުންގެ އަރިހުން އެދިފައެވެ.

އެ އަންހެންކުއްޖާއާއި އެ މުސްކުޅި މީހާ ފޮށުނުއިރު އަންހެންކުއްޖާ ލައިގެން ހުރީ ގައި ނިވާވާފަދަ ހެދުމެއްކަންވެސް ފާހަގަކޮށްލެވެއެވެ. ނިވާނުވާ ހެދުން ލުމަކީ ބައެއް ފަހަރަށް ފޮށުމަކީ މައްސަލައެއް ނެތްކަމެއް ކަން ދެއްކުމަށް ބައެއް މީހުން ބޭނުންކުރާ ބަހަނާއެއްކަން ހިތާމައާއި އެކު ފާހަގަކޮށްލެވެއެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ މައުލޫމާތު ތަކަށް ބަލާއިރު ހަކަތަ މޯލްޑިވްސް ކުންފުނީގައި މަސައްކަތްކުރާ މި ފިިރިހެންމީހާއަކީ އަންބަކާއި ބޮޑެތި ދަރިންވެސް ތިބޭ މީހެކެވެ. މި މީހާއަކީ އާންމުކޮށްވެސް މީހުންނާއި ފޮށޭ މީހެއްކަމަށްވެެއެވެ.

Advertisement

ކޮމެންޓް

Advertisement