ޕާރޓްނަރޝިޕް ފޯރަމްގެ ތައްޔާރީތައް ބާރުމިނުގައި ކުރިއަށް!

13 Jun 2019 | 11:01

"އިންވެސްޓިންގ އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" މި ޝިއާރުގެ ދަށުން، މި ޖޫން މަހުގެ 17 އަދި 18 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް" އަށް ދިވެހި ސަރުކާރުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ޕާޓްނަރޝިޕް ފޯރަމް އިފްތިތާޙުކޮށްދެއްވާނީ ޖޫން މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙެވެ.

 މި ފޯރަމްގައި ރަޙުމަތްތެރި ޤައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރެވޭނެއެވެ. މި ފޯރަމްގައި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އިޤްތިޞާދީ އަދި އިޖްމާޢީ އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ފޯރަމްގައި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއި ބެހޭ ގޮތުން ސަރުކާރުގެ ބައެއް ވަޒީރުން މައުލޫމާތު ދެއްވައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

މިއަހަރުގެ ޕާޓްނަރޝިޕް ފޯރަމްގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެވޭނެއެވެ. 

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަކީ ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ. މިފޯރަމްގައި ބައިވެރިވުމަށް ގިނަ ޤައުމުތަކަކުންނާއި ޖަމްއިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް އައިސް، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ބައެއް އެއްބަސްވުންތަކުގައި ސޮއެކުރެވިގެންދާއިރު، ސަރުކާރުގެ އެކި އިދާރާތަކުން ހިންގާ އެކި މަޝްރޫޢުތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު މިހާރު ވަނީ ފޯރުކޮށްދެވިފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ކޯ-ހޮސްޓް ކުރައްވާ މި ފޯރަމްގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ބައެއް އިދާރާތަކުން ބައިވެރިވާނެއެވެ.

ޕާޓްނަރޝިޕް ފޯރަމް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Advertisement

ކޮމެންޓް